މާލެ ޓެކްސީ ލައިންގެ ހިދުމަތް އެމްޓީސީސީ އިން ދިނުމަކީ ރައްޔިތުންގެ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަނުމެއް ނޫން ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައިބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު ވިދާޅުވީ އެމްޓީސީސީ މެދުވެރިކޮށް ޓެކްސީ ލައިންގެ ހިދުމަތް ތައާރަފުކުރުމަކީ ވިޔަފާރިއެއްގެ ތެރެއަށް ސަަރުކާރުން ވަނުން ނޫން ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެ ހިދުމަތް ތައާރަފުކުރުމުގެ މަގުސަދަކީ އަސާސީ ހިދުމަތެއް ރައްޔިތުން ބޭނުންވާ ފެންވަރަށް ގެނައުމެވެ.
އެގޮތުން މިވަގުތު ސަރުކާރުން ނިންމާފައިވަނީ އެމްޓީސީސީން ވަކި ކަހަލަ މިންގަނޑުތަކެއްގައި، ރައްޔިތުން ބަލައިގަންނަ ފަދަ މިންގަނޑުތަކެއްގައި އެކަން ކުރުމަށް ކަމަަށެވެ. އަދި އެކަން އެގޮތަށް ކުރިއަށްދާ ކަމަށާއި އައު ގޮތްތަކެއް ވެސް ހޯދަމުން އަންނަ ކަމަށެވެ.
އެމްޓީސީސީގެ ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު ޓެކްސީއަކަށް އެދި ގުޅާ ހިސާބުން ފެށިގެން ކާރު ލިބުމާ ހަމައަށް އެވްރެޖްކޮށް ހޭދަވަނީ 8 މިނެޓެވެ.
އަދި ކޮންމެ ދަތުރެއްގެ ދިގުމިން އެވްރެޖްކޮށް 12.2 މިނެޓުގައި އުޅޭއިރު، އެ ޚިދުމަތަށް އޮތް ޑިމާންޑް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
13 އޭޕްރިލް އިން 18 އޭޕްރިލްއާއި ހަމައަށް 11،128 ވަރަކަށް ދަތުރު އެމްޓީސީސީން ކުރި ކަމަށާއި މާލޭގެ ދަތުރުތައް 50 އިންސައްތަ އިތުރުވަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ސައީދު ވިދާޅުވީ، ޓެކްސީ އެސޯސިއޭޝަނާއެކު ވެސް އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ހިޔާލުތަކާއި ދައްކާ ވާހަކަތަކަށް ރިއާޔަތްކޮށް ހައްލުތަކެއް ގެނެދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

