logo

މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތު ކުއިޒް 1447ގެ ނަސީބުވެރިޔާ އިޢުލާނުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

މޯލްޑިވްސް ޒަކާތު ހައުސްއިން ކުރިއަށްގެންދިޔަ "ޒަކާތު ކުއިޒް 1447″ގެ ނަސީބުވެރިޔާ މިއަދު އިޢުލާނުކޮށްފިއެވެ.

ނަސީބުވެރިޔާ ހޮވުން އޮތީ މިއަދު ހެނދުނު 11:35ގައި ޒަކާތު ހައުސްގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރިއަށްގެންދިޔަ ލައިވް އިވެންޓެއްގައެވެ. މި ލައިވް އިވެންޓުގައި ގުރުއަތު ނަންގަވައިދެއްވީ އިވެންޓުގެ ޝަރަފުވެރި މެހެމާނު، މޯލްޑިވްސް ޒަކާތު ހައުސްގެ ޝަރީޢާ އެންޑް އެޑްވައިޒަރީ ބޯޑުގެ ޗެއަރޕަރސަން، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއަރޒް އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ކުރިއަށްގެންދިޔަ މި ކުއިޒަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، 5،000އަށް ވުރެ ގިނަ މީހުން ވަނީ މި ކުއިޒުގައި ބައިވެރިވެފައެވެ. ރަމަޟާން މަހުގެ 30 ދުވަހު، ކޮންމެ ދުވަހަކު ސުވާލެއްގެ މަގުން ޖުމްލަ 30 ސުވާލު ޒަކާތު ހައުސްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ވަނީ ހުށަހަޅައިފައެވެ.

ކުއިޒު ނިމުނު އިރު، ހުށަހެޅި ހުރިހައި ސުވާލަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ރަނގަޅު ޖަވާބު ދިން 126 ބައިވެރީން ވަނީ ފައިނަލް ގުރުއަތަށް ހޮވިފައެވެ. މި އަހަރުގެ ކުއިޒުގެ އެއްވަނަ އިނާމަކީ، ނަސީބުވެރިޔާއަށް ދޭ ދެ މީހުންގެ އުމްރާ ދަތުރެކެވެ. މި އަގުހުރި އިނާމުގެ މި އަހަރުގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ އަތަމާގެ، އދ. މަހިބަދޫ ފާޠިމަތު މަޢާލް އަޙްމަދެވެ. ފާޠިމަތު މަޢާލް އަޙްމަދަށް އަންނަ ހަފުތާގައި އިނާމު ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ.

ad