މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ހަދަމުން އންނަ ތިލަމާލެ ބްރިޖް މަޝްރޫއުގެ 67.4 އިންސައްތަ މަސައްކަތް ނިިމިފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މާލެ، ވިލިމާލެ އަދި ގުޅިފަޅު ގުޅާލާ ބިޔަ މަޝްރޫޢުގެ އަދާހަމަ އެ ވުޒާރާއިން ހާމަކުރީ ސަރުކާރުގެ ފުރަތަމަ 104 ހަފްތާގެ މަޢުލޫމާތު ހާމަކުރުމަށް އެކްސް ގައި ކުރި ޕޯސްޓެއްގައެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ 26 އޮގަސްޓް 2021 ގައެވެ. އެކަމަކު، ކުރީގެ ވެރިކަން ނިމިގެން ދިޔައިރު ވެސް އެ މަޝްރޫއުގެ މަސައްކަތް ނުނިމެއެވެ.
ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ ތިން ނެވިގޭޝަން ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެހީގައި އެގައުމުގެ އެފްކޮންސް ކުންފުނިންނެވެ. އެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
