ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ. އެތަކެތި އަތުލައި ގަނެފައިވަނީ، މިމަހުގެ 22 ވަނަ ދުވަހުއެވެ. ކަސްޓަމްސްއިން އަތުލައިގަނެފައިވާ މަސްތުވާތަކެއްޗަކީ އެމްފެޓަމިން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ.
ކަސްޓަމްސްއިން ބުނީ، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 3.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރާ ކަމަށެވެ.
ފުލުހުންނާއި އިމިގްރޭޝަންއާ ގުޅިގެން ކުރާ މަސައްކަތުން މިއަހަރުގެ މިހާތަނަށް އައިރު ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އަދި މިއީ މިދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެކެވެ.
ކަސްޓަމްސްގެ މަސައްކަތް ހަރުދަނާކޮށް ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަދަދު އިތުރުވެފައިވާއިރު، ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި އަންނަނީ ކުރަމުންނެވެ.
ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ އިތުރުން، ގާނޫނާއި ގަވާއިދާއި ހިލާފަށް އެތެރެކުރާ އެހެން ބާވަތްތައްވެސް އަންނަނީ އަތުލައިގަންނަމުންނެވެ. އެގޮތުން ވޭތުވެދިޔަ ދޮޅު މަސްދުވަހުގެ ތެރޭގައި 7000 ވޭޕް ސްޓިކް އަދި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ 2 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވެއެވެ.
