ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން އެއާރޕޯޓްގައި ގިނައަދަދެއްގެ ފަތުރުވެރިން ނުފުރި ތާށިވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފައި އޮތުމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އެ ސަރަހައްދަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން އެއާޕޯޓަށް ދިއުމުގެ ކުރިން އެ އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންގެ އަޕްޑޭޓް ގާތުން މޮނިޓާ ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ފްލައިޓްގެ ރިއަލްޓައިމް މައުލޫމާތު ހޯއްދެވުމަށާއި މި މުއްދަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ ފަސިންޖަރުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށް އެމްއޭސީއެލް އިން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ހަނގުރާމައިގެ މި ދަނޑިވަޅުގައި ފަސިންޖަރުން ވިސްނުންތެރިކަމާއި، ކެތްތެރިކަމާއި، އެއްބާރުލުން މުހިންމު ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ޕްލައިތްތައް ކެންސަލްވެ ފުލައިޓުތަކުން ނުފުރި 1،400 ފަތުރުވެރިން އެބަތިބި ކަމަށް، ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ވަނީ ވިދާޅުވެފައެެވެ. އެއާޕޯޓުގައި ތިބި ފަތުރުވެރިންނަށް، ކުރީގެ ޑޮމެސްޓިކް ޓާމިނަލުގެ ތެރޭ ތިބެވޭނެ އިންތިޒާމު، ގޮނޑިއާއި އިންޓަނެޓާ އެކީ ވަނީ ހަމަޖައްސައިދީފަ ކަމަށްވެސް ތާރިގް ވިދާޅުވިއެވެ.
މިހާރު ކުރަމުންދާ މި ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑެތި ބުރޫތަކެއް އަރާފައެވެ. އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

