ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާތައް އެޅުމަށް ކުރިއަށްދާ މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކައުންސިލް އިދާރާތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އެ ދަތުރުގެ ސަބަބުން އިދާރާގެ އެތެރޭގެ ތަރުތީބު ކުރުންތައް އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިވި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ބ. އަތޮޅުގެ ބައެއް ރަށްރަށުގައި އިމާރާތްކުރާ ކައުންސިލްގެ އިދާރާގެ މަސައްކަތް ކުރިއަށް ދާގޮތް ވަޒީރު ވަނީ ބައްލަވާލައްވާފަ އެވެ.
ކައުންސިލް އިދާރާގެ މަސައްކަތް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށް މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. ވަޒީރު އިތުރަށް ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރަށްރަށުގައި ހުންނަ ކައުންސިލް އިމާރާތްތައް ބާވެފައި ހުރުމުން އެ ތަންތަން ޒަމާނާ އެއްގޮތަށް މަރާމާތުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެމަނިކުފާނުގެ ވައުދަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 100 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމެވެ. އެއީ އާރުސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 55 ރަށުގެ މަސައްކަތާއި ޗައިނާގެ އެހީގެ ދަށުން އަޅާ 50 ކައުންސިލް އިމާރާތުގެ މަސައްކަތެވެ.
އަލަށް ޢިމާރާތްކުރާ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފަ އެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައި ކަމަށް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

