logo

ޓެކްސީ ލައިންއަށް ޑްރައިވަރުން ހޯދުމަށް މާދަމާ ވޯކްއިން އިންޓަވިއުއެއް ބާއްވަނީ

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ސަރުކާރުން ތައާރަފުކުރާ ޓެކްސީލައިންގެ ހިދުމަތް ފެށުމަށް ބޭނުންވާ ޓެކްސީ ޑްރައިވަރުން ހޯދުމަށް، މާދަމާ ވޯކް އިން އިންޓަވިއުއެއް ބޭއްވުމަށް އެމްޓީސީސީން ނިންމައިފިއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުގެ ފަރާތުން ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމައި، ޓެކްސީލައިން ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، މާލޭ ސަރަހައްދުގައި ޓެކްސީ ދުއްވާނެ ޑްރައިވަރުން ހޯދުމަށް ވޯކް އިން އިންޓަވިއުތައް ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 04:00 އަށް، މާލޭ މާފަންނު ބަސް ޓާމިނަލްގައި ކަމަށެވެ.

ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މިދިޔަ ޖެނުއަރީ މަހުވެސް އެމްޓީސީސީން ވޯކް އިން އިންޓަވިއުތައް ކުރިއަށްގެންގެންދިޔައެވެ. އެފަހަރުގެ އިންޓަވިއުތަކުގައި 250 އަށްވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވިއެވެ.

އެމްޓީސީސީން ކުރިން ބުނެފައިވާ ގޮތުގައި، ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އެއީ، 285 ފުލްޓައިމް ޑްރައިވަރުންނާއި 122 ޕާޓްޓައިމް ޑްރައިވަރުންނެވެ. ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 150 ކާރާއެކު ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް ގެންދިއުމަށެވެ.

ޓެކްސީގެ ހިދުމަތަކީ ރާއްޖޭގައި ޒަމާންވީ ހިދުމަތަކަށްވީ ނަމަވެސް، އެކި ކަހަލަ ޝަކުވާތައް އޮންނަ ކަމަށެވެ. އެގޮތުން ދަތުރުތައް ނުނެގުމާއި، ބޭނުން އިރަކު ދަތުރެއް ކޮށްފައި ހުއްޓާލުން ފަދަ ޝަކުވާތައް އޮންނަ ކަމަށެެވެ. އަދި އެއްވެސް ކޮންޓްރޯލެއް ނެތި ހިދުމަތް ވެސް ދަނީ ދެމުންނެވެ.

ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއިއެވެ. އެކުންފުންޏާއި އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ގާއިމުކޮށް ޓެކްސީގެ ހިދުމަތް ދޭން ނިންމީ، މާލޭ ސަރަހައްދުން ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ޒަމާނީ ފެންވަރުގެ ޓެކްސީ ހިދުމަތެއް ދިނުމުގެ މަގްސަދުގައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ޓެކްސީ ލައިންގެ ހިދުމަތް ފެށުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ad