މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ފުވައްމުލައް ސިޓީން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ޏ. ފުވައްމުލައް/ މިސްކިތްމަގު، ނިރިހާ، ޙުސައިން ސައިފު (33އ) އާއި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ޏ. ފުވައްމުލައް/ ފުނާޑު. އެލީނާ، މުޙައްމަދު މޫސާ (72އ)އެވެ.
މި ދެ މީހުންގެ ތެރެއިން ޙުސައިން ސައިފު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މޫސާ ހައްޔަރުކޮށްފައިވަނީ، ފުވަމުލައް ސިޓީއާއި މާލެ ސިޓީއާ ދެމެދު ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރުމުގެ މަޢުލޫމާތު ލިބި، އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ކަމުގައި ފުލުހުން ބުނެއެވެ. އެގޮތުން، ފެބުރުއަރީ 3ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި އޭނާވަނީ، ފުވަމުލައް ސިޓީ މަގުމަތިން ހުއްޓުވާ، ބަލާފާސްކޮށްފައިއެވެ. އޭނާ ބަލާފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ގަނޑެއް ފެނިފައިވާކަމުގައި ފުލުހުން ބުނެއެވެ. އަތުލައިގަނެވުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 50.35ގުރާމު ކަމުގައި ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސެއިން ސައިފް 15 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކުރައްވާފައިކަމުގައި ފުލުހުން ބުނެއެވެ. އަދި، މުޙައްމަދު މޫސާ 5 ދުވަހަށް ބަނދުކުރުމަށް އަނގަވާފައިވާކަމުގައި ފުލުހުން ބުނެއެވެ. މި ދެ މައްސަލަ އިތުރަށް ތަހުގިގުކުރަމުން ދާ ކަމުގައި ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

