އާންމުންނަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މަނާކުރަން އުޅޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާ ބޭން ކުރަން އުޅޭ ކަމަށްބުނެ ފަތުރަމުންދާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށާއި ސޯޝަލް މީޑިއާ ބޭނުންކުރުން އެއްކޮށް މަނާކުރަން ކެބިނެޓުގައި އެއްވެސް މަޝްވަރާއެއް ހިނގާފައި ނުވާއިރު، އެއީ ކުރާނެ ކަމެއްވެސް ނޫން ކަމަށެވެ.
ސަރުކާރުން އިސްނަގައިގެން މިހާރު ކުރަމުންދާ މަސައްކަތުގެ ސައްތައިން ސައްތަ އަމާޒަކީ ކުޑަކުދިންނަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުން ކަމަށާއި އެގޮތުން، ކުދިން އޮންލައިން ވަސީލަތްތައް ބޭނުންކުރާއިރު ދިމާވާ ގެއްލުންހުރި ކަންކަމާއި ނޭދެވޭ އުޅުންތަކުން އެ ކުދިން ސަލާމަތްކުރެވޭނެ އެކި ގޮތްތައް ބަލައި، އެކަމުގެ ހައްލުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އެއްވެސް އިންޓެންޝަނެއް ނެތް ސޯޝަލް މީޑިއާގެ އެއްވެސް މަންސައެއް ބޭން ކުރަން ވެސް އަދި ރިސްޓްރެކްޓް ކުރަން ވެސް އަދި މީހުން އޮންލައިން އެންގޭޖުވާ ގޮތަށް އެއްވެސް އިންފްލުއެންސެއް ކުރަން،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިކަމާ ބެހޭ ޕޭޕަރެއް ކެބިނެޓުގެ ސަބް ކޮމިޓީއެއް ކަމުގައިވާ ސޯޝަލް ކައުންސިލަށް އިއްޔެ ހުށަހެޅުއްވީ އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ލަފައާއި މަޝްވަރާ ހޯއްދެވުމަށެވެ. ސޯޝަލް ކައުންސިލުގެ ލަފާ ލިބުމަށްފަހު، މަދަނީ ޖަމާއަތްތަކާއި އާންމު ރައްޔިތުންގެ ހިޔާލު ހޯދައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ހިންގުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޓެކްނިކަލް ޓީމުތަކުން މިހާތަނަށް ދީފައިވާ ލަފާގައި އެންމެ އެކަށީގެންވާ އުމުރަކީ 16 އަހަރު ކަމަށް ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މުޅި މަރުހަލާ ފައިނަލްކުރުމުގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ގެންދަވާނެ ކަމަށާއި، ގާނޫނަށް އެއްވެސް އިސްލާހެއް ގެންނާނީ ކެބިނެޓުގެ ރެކޮމެންޑޭޝަނަކަށް ފަހުގައި ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، އޮސްޓްރޭލިއާ އަދި ނޯވޭގައި މިކަން ތަންފީޒުކޮށްފައިވާއިރު، އިނގިރޭސިވިލާތުގައި ވެސް މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.
އެގޮތުން އޮސްޓްރޭލިއާގައި 2025 ޑިސެންބަރު 10 އިން ފެށިގެން 16 އަހަރުން ދަށުގެ ކުދިންނަށް މައިގަނޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރެސްޓްރިކްޓް ކޮށްފައިވާ ކަމަށާއި، ފްރާންސުގައި 2027 ޖެނުއަރީން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް ރެސްޓްރިކްޝަން އެޅޭ ގޮތަށް ގާނޫނު ބަދަލުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނޯވޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ހަމަ އެފަދަ ރެސްޓްރިކްޝަނެއް ގެނައުމުގެ ޕްލޭނެއް ކަނޑައަޅާފައިވާ ކަމަށާއި، ޔޫކޭގައި 16 އަހަރުން ދަށުގެ ކުދިންނަށް އެކްސެސް ރެސްޓްރިކްޓް ކުރުމާ ގުޅޭ ކޮންސަލްޓޭޝަންތައް ފެށިގެން ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ. އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގައި 14 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ސޯޝަލް މީޑިއާ ބޭންކޮށް، 14 އަހަރުން މަތީގެ ކުދިންނަށް ބެލެނިވެރިންގެ ހުއްދައާއެކު އެކްސެސް ދޭ ގޮތަށް އަމަލުކުރަމުންދާ ކަމަށާއި، ޔޫއޭއީގައި 15 އަހަރަކީ މިނިމަމް އުމުރުކަމުގައި ކަނޑައަޅައި ރެސްޓްރިކްޝަން ތަންފީޒުކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބައެއް ކުދިން އޮންލައިން މާހައުލުގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ހިސާބަށް ގޮސްފައިވާ ކޭސްތައްވެސް ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ ފުރިހަމަ މަގުސަދަކީ ތުއްތު ކުދިންނަށް ރައްކާތެރިކަމާއެކު އޮންލައިން މާހައުލުގައި ހަރަކާތްތެރިވެވޭނެ ގޮތެއް ހޯދައިދިނުން ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވިއެވެ.
ވަކި ޕްލެޓްފޯމްތަކެއް މަނާކުރި ނަމަވެސް، ވީޕީއެން ފަދަ ވަސީލަތްތައް މެދުވެރިކޮށް އެ ތަންތަނަށް ވަންނަ މައްސަލައަށް ބޭރު ގައުމުތަކުގައި ވެސް ހައްލު ހޯދަން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި މި ނިޒާމު ތަންފީޒުކުރާއިރު އެ ހުރިހާ ކަމަކަށް ފުރިހަމައަށް ރިއާޔަތްކުރައްވާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މޯލްޑިވްސް 2.0 ގެ ސިޔާސަތު ތަންފީޒުކުރާ އިރު 10 އަހަރުން މަތީގެ ކުދިންނަށް އީފާސް މެދުވެރިކޮށް ތައުލީމީ ޕްލެޓްފޯމްތަކާއި ސިއްހީ މައުލޫމާތު ހިމެނޭ ޕްލެޓްފޯމްތަކާއި ކުދިންގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ދިމާލަކަށް އެކްސެސް ބެހެއްޓުމާއެކު، ގެއްލުންދެނިވި ކޮންޓެންޓް ހިމެނޭ ޕްލެޓްފޯމްތައް ރެސްޓްރިކްޓް ކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރާ ކަމަށްވެސް ވިދާޅުވިއެވެ.

