ރަސްމާލޭގެ މަޝްރޫޢާ ބެހޭގޮތުން ހުރި ހުރިހާ ކަންބޮޑުވުންތަކަކީ އެއްވެސް އަސާސެއް ނެތް ކަންބޮޑުވުންތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންގެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނާއި ޚިލާފުވާ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަށް ބުރޫއަރާނެ، ލޮޅުންއަރާނެ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖެ ނާންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު އެ ވަނީ ބިލް މަޖިލިހަށް ފޮނުވާފައި. އެ ބިލްގައި ވަރަށް ސާފުކޮށް އެ އޮތީ އަޅުގަނޑުމެންގެ ގަބޫލު ކުރުންތައް. އަޅުގަނޑުމެންގެ ހަމަތައް، މިންތައް ބިލްގައި އޮތީ. އަޅުގަނޑުމެންގެ ބިލްގައި އެ އޮތީ ރާ ވިއްކުމަށް ހުއްދައެއް ނޯންނާނެ. އޫރު މަހާއި ކެސީނޯ ހެދުމާ މިކަހަލަ އެއްވެސް ކަމެއް ނުކުރެވޭނެ،" ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަށް އިންވެސްޓް ކުރަން އަންނާނީ ދިވެހިން ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ގަބޫލު ކުރާ އިންވެސްޓަރުންނެވެ. ރަސްމާލޭގައި އިންވެސްޓްކުރަން އުޅޭ އީގަލް ހިލްސް ކުންފުންޏާ މި ވާހަކަތައް ދައްކާފައި ވާނެ ކަމަށާއި އެކަން އެ ފަރާތަށް އެނގޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން ކުރަން އުޅޭ ކަންކަމާ މެދުގައި ސުވާލު އުފައްދައި ވާހަކަ ދެއްކުމަކީ ގައުމަށް އިހްލާސްތެރިވުން ނޫން ކަމަށާއި އެ ފަރާތްތަކުގެ މާޒީއަށް ބަލާއިރު، ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއް ދޫކޮށްލުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ މިފަދަ އެތައް ކަމެއް ކޮށްފައި ތިބި ފަރާތްތަކުން މިވާހަކަ ދައްކަން ނުކުންނެވީމަ، ހަމަ ގަބޫލު ކުރައްވާ ރައްޔިތުން ސުޕަ މެޖޯރިޓީގެ ރައްޔިތުން ބައްލަވާނެ އެ ވަނީ ކިހިނެއްކަން. އެހެންވީމަ އަޅުގަނޑުމެން ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން މި ހުރީ ވަރަށް ސާފުކޮށް. އަޅުގަނޑުމެންގެ އަމަލުތަކުން މި ހުރީ ފެންނަން މިދިޔަ ތިން އަހަރުގެ ތެރޭގައި. އަޅުގަނޑުމެން ކުރާ ކަންކަން ދެ ފުށް ފެންނަ ގޮތަށް ފެންނާނެ،" ރައީސް ވިދާޅުވިއެވެ.

