logo

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ބަރަކާތްތެރި ރޯދަމަހާ ގުޅުވައިގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހާއްސަ ޕްރޮމޯޝަން އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފިއެވެ.

މި އަހަރުގެ ނޮވެމްބަރު 16 އިން ފެށިގެން 10 މާރިޗު 2027ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި، ހާއްސަ ކުރެވިފައިވާ ގިނަ ޕްރޮޑަކްޓްތަކަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މީގެއިތުރުން 500ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ކޮންމެ ދެ ހަފުތާއަކުން ދެ ފަރާތަކަށް 2500ރ.ގެ ގިފްޓް ވައުޗަރެއް ލިބޭއިރު، 5000ރ. އިން މަތިން ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާ ގުޅިއަކުން ހަދިޔާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމަކަށް ކަނޑައަޅާފައިވަނީ 100,000ރ. ގެ ފައިސާގެ އިނާމެކެވެ. މި އިނާމު ލިބޭނީ ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ނަސީބުވެރިޔަކަށެވެ.

ރަމަޒާން ބާޒާރު ފެށުމާ އެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ހުޅުވުމަށް ތައްޔާރުވަމުން ދިޔަ މަގުބޫލު ފްރެންޗައިޒް 'ދަ ކޮފީ ބީން އެންޑް ޓީ ލީފް' ގެ އައުޓްލެޓްވެސް ވަނީ ރަސްމީކޮށް އާންމުންނަށް ހުޅުވާލާފައެވެ. މިއީ ހުޅުމާލޭގައި އެ ފްރެންޗައިޒްގެ ފުރަތަމަ އައުޓްލެޓް ހުޅުވި ފަހުން، މާލޭގައި ހުޅުވުނު ފުރަތަމަ އައުޓްލެޓެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމުކުރުމުގެ ގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖާގަ އިތުރަށް ބޮޑުކޮށް ފުޅާކުރި ސަރަހައްދުވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

އެސްޓީއޯ ރަމަޒާން ބާޒާރަކީ ރޯދަމަހާ ދިމާކޮށް ގޭބިސީތަކަށް ބޭނުންވާ ހިފާގެންގުޅޭ ތަކެތި ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އެ ކުންފުނިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ، އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލޭގެ އައުޓްލެޓްތަކުގެ އިތުރުން ރީޖަނަލް ފިހާރަތަކުގައިވެސް ކުރިއަށްދާނެއެވެ.

މި ޕްރޮމޯޝަން ފެށުމަށްޓަކައި މިދިޔަ ހޯމަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސްޓޭޓް މިނިސްޓަރު އަލްފާޟިލް ހުސައިން ޝާމް އާދަމެވެ.

ad