logo

ބަޖެޓް 2027ގެ މައްޗަށް ކޮމިޓީން އެކުލަވައިލި ރިޕޯޓަށް މަޖިލިސް ތަޅުމުގައި ބަހުސް ފަށައިފި

މަރްޔަމް
3 ގަޑިއިރު ކުރިން
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި، 59.7 މިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިސް ތަޅުމަށް ހުށަހެޅި ބަޖެޓް ރިޕޯޓަށް ބަހުސް ފަށައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން ބަޖެޓް ކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވީ، ކޮމިޓީއަށް ބަޖެޓް ލިބުން މުއައްސަސާތަކާ މެދު މަޝްވަރާކޮށް ބަޖެޓްގައި ހުރި ކަންބޮޑުވުމާ ބެހޭގޮތުން ކޮމިޓީގައި މަޝްވަރާކޮށް ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދުމަށް އެ މިނިސްޓްރީއާ އެކު ގިނަ ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުންތަކަށްފަހު ކޮމިޓީން މަރުކަޒީ ބޭންކު (އެމްއެމްއޭ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކޮށް އެފަރާތްތައް ބަޖެޓާ ބެހޭގޮތުން ދެކޭ ގޮތް ހޯދުމަށްފަހު، ކަންބޮޑުވުން ހުރި ކަންތައްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މިނިވަންމުއައްސަސާތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެެވެ.

އެ މަޝްވަރާތަކަށްފަހު 2027 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ މިހާރު ރާއްޖޭގައި އޮތް އިގުތިސޯދީ ހާލާތާއި ދުނިޔޭގެ އިގުތިސޯދީ ހާލަތަަށް ބަލައި، އެއީ އެންމެ ރަނގަޅު ބަޖެޓެއް ކަމަށް ދެކޭތީ އެ ބަޖެޓް ފިނޭންސް މިނިސްޓްރީން ފޮނުވި ގޮތަށް ކޮމިޓީން ފާސްކުރީ ކަމަށްވެސް ވިދާޅުވިއެެވެ.

އެހެންކަމުން ކޮމިޓީން ފާސްކުރީ، އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 މިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ހުށަހެޅި ގޮތަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ބަޖެޓް ޖަލްސާއަށް، ބަޖެޓް ފާސްކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވަމުން، ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 43.2 ބިލިއަން ރުފިޔާ އަކީ ހާސިލް ކުރެވޭނެ މިންވަރެއް ކަމަށްވާތީ، ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާ ގޮތަށް، ފާސްކުރަން ހުށަހަޅުއްވާ ކަމަށެވެ.

އަން އަހަރުގެ ބަޖެޓްގައި އޮފީސްތަކާއި މިނިވަން މުއައްސަސާތަކާ ބެހޭ ބައިގައި، ސަރުކާރު އޮފީސްތަކާއި މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ ދަށުން ހިންގާ އޮފީސްތަކުގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ހުށަހަޅާ ބަޖެޓެއް ކަަމަށްވެފައި، މިނިވަން މުއައްސަސާތަކުގެ ބަޖެޓް ކަނޑައަޅާފައި ވަނީ އެ މުއައްސަސާތަކާ މަޝްވަރާކުރުމަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެެވެ.

މީގެ އިތުރުން އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން 2027 ވަނަ އަހަރުގެ ބަޖެޓްގައި ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އޮފީސްތަކުގެ ޑޮމެސްޓިކް ހަރަދާ ގުޅޭ، 2027 އަހަރުގެ ބަޖެޓްގައި ހިމެނޭ ވަކިވަކި އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ބަދަލެއް ގެނަސްފައި ނުވާތީ 2027 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ ތާވަލާ، އޮފީސްތަކުގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޕްރޮގްރާމް ބަޖެޓް، ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާ ގޮތަށް، ފާސްކުރަން ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހަމަ އެ އޮތްގޮތަށް ފާސްކުރަން ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ފަހުގެ ހުށަހެޅުއްވުމެއްގެ ގޮތުގައި މެންބަރު ޝަރީފް ހުށަހެޅުއްވީ، 2027 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި، މިލިޔަން ރުފިޔާ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ)ގެ މުޅި ބަޖެޓް ބައިކުރެވިފައިވާގޮތަށް ފާސްކުރެއްވުމަށެވެ.

މި ހުށަހެޅުއްވުންތަކަށް ތާއީދު ކުރެއްވީ، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

އެހިސާބުން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، 10 މެންބަރުންގެ އިއްޔިފާގުން ފާސްވީ ކަމަށެވެ. އެގޮަތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ނަން ވިދާޅުނުވެ މުގައްރިރު ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ad