logo

ޖަލުގައި ބަންދުކުރެވިފައިވާ މިހުންގެ އިންސާނީ ކަރާމާތް ދެމެހެއްޓުން މުހިންމު: ފަސީޙު

މުސްލިމާ ޙަސަން
18 ގަޑިއިރު ކުރިން

ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އެފަރާތްތަކުގެ އިންސާނީ ޙައްޤުތައް ނުގެއްލޭ ގޮތަށް މަސައްކަތް ކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙު އެދިވަޑައިގެންފިއެވެ.

ކޮންޓްރޯލަރ ޖެނެރަލް މިކަމަށް އެދިވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށް ގެންދިޔަ "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޖީ ފަސީޙު ވަނީ ކަރެކްޝަންސްގެ އޮފިސަރުން ވަރަށް ކުޑަ ބަޖެޓަކާއި ވަސީލަތްތަކާއެކު ބުރަ ބޮޑު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

ދަސްވެނިންނަށް މަރުޙަބާ ދަންނަވަމުން ވިދާޅުވީ، މާތްﷲ ގަންދީ ހުވާކޮށް ޔުނީފޯމުގައި ތިބެ އެއްވެސް ގޯސް ކަމެއް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޤައުމީ ވާޖިބު އަދާކުރުމުގައި އިޚްލާޞްތެރިކަމާއި ތެދުވެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، ބަންދުގައި ތިބޭ ފަރާތްތަކުގެ އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ނެޝަނަލް ސެކިއުރިޓީ ސަރވިސް (އެންއެސްއެސް) ގެ ފުލުސް އޮފީހުގައި މަސައްކަތްކުރެއްވި ދުވަސްވަރުން ފެށިގެން ކަރެކްޝަންސްއާ ގާތް ގުޅުމެއް އޮތްކަން ހާމަކުރެއްވިއެވެ. އަދި ސިންގަޕޫރުގެ ދެ ޖަލެއްގައި މަސައްކަތްކޮށް ތަމްރީނު ހޯއްދެވުމަށްފަހު، ރަނގަޅު ފެންވަރުގެ ޖަލަކާއި އެކަށޭނަ ހިއުމަން ރިސޯސަސް ޤާއިމުކުރުމަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގާމާދޫ ޖަލުގެ ހާދިސާއަށްފަހު މާފުށީގައި ހުރި އެސްޓީއޯގެ ފުށް ގުދަނެއް ޖަލަކަށް ބަދަލުކުރެވުނު ދުވަސްވަރާއި، ކުރީގެ ހާލަތާ އަޅާބަލާއިރު މިހާރު ޤާނޫނެއް ވުޖޫދުވެ ތަމްރީނު ލިބިފައިވާ އޮފިސަރުންނާއެކު ޖަލުތަކުގެ ކަންކަމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 30 އިން ފެށިގެން މި މަހުގެ 17 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އިންޑަކްޝަން ޕްރޮގްރާމަކީ މި ސިލްސިލާގެ 3 ވަނަ ބެޗެވެ. މި ޕްރޮގްރާމްގައި 10 އޮފިސަރަކު ވަނީ ތަމްރީނު ފުރިހަމަކޮށް ވަޒީފާގެ މައިދާނާ ގުޅިފައެވެ. މިއީ އަލަށް ގުޅޭ އޮފިސަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ އަސާސީ ތަމްރީނެކެވެ. މީގެ އިތުރުން، އޮފިސަރުން ތަރައްޤީކުރުމަށް "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" އަދި "ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސުޕަރވިޝަން" ޕްރޮގްރާމް ވެސް ކަރެކްޝަންސް އިން ކުރިއަށް ގެންދެއެވެ.

ad