ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުގެ މެންބަރުކަމަށް ގއ. ދާންދޫ، ޒައިނާ އަބްދުﷲ، އައްޔަންކޮށްފިއެވެ.
ޒައިނާ އަކީ ބޭންކިން އާއި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގެ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގއެވެ.
އެމްއައިބީއާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕްރައިވެޓައިޒޭޝަން ބޯޑުގެ ސީނިއަ އޮފިސަރެއްގެ މަގާމު ފުރުއްވާފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓާކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކުގައި މުހިއްމު ދައުރެއް އަދާކުރައްވާފަ އެވެ.
ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވައިފައެވެ. އަދި އިންޑިއާގެ ޔުނިވަސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައިވެސް ވެއެވެ.
ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިންގ، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަރނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ.

