ޤާނޫނީ ވަކީލުކަމުގެ ހުވާ 9 ބޭފުޅަކު ކުރައްވައި ވަކީލުކަމުގެ ހުއްދަ ޙާޞިލުކުރައްވައިފިއެވެ. ވިލާ ކޮލެޖް ކެމްޕަސް ހޯލްގައި މިކަމަށްޓަައި ބޭއްވި ރަސްމިއްޔާތުގައި ވަކީލު ކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުހައްމަދު ސަލީމެވެ.އަލަށް ހުވާކުރެއްވި ވަކީލުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން އެވެ.
މިއީ މި އަހަރުގެ ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށްޓަކައި އެ ކައުންސިލުން އިންތިޒާމުކުރި ހަތަރުވަނަ ރަސްމިއްޔާތެވެ.
ޤާނޫނީ ވަކީލުކަމުގެ ހުވާކުރެއްވި 9 ބޭފުޅުން އެ ފަންނާ ގުޅިވަޑައިގެންނެވީ، ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ (ކޮލިފައިންގ ލޯ ޑިގްރީ) ޙާޞިލުކުރެއްވުމަށްފަހު، މަސައްކަތުގެ ޢަމަލީ ތަޖުރިބާ ފުރިހަމަކުރައްވައި، އަދި ބާ އިމްތިޙާނު ކާމިޔާބުކުރައްވައިގެންނެވެ.
މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމް ދެއްކެވި ވާހަކަފުޅުގައި، ޤާނޫނީ ޢިލްމަކީ ބޮޑު މަސްއޫލިއްޔަތެއް އެކުލެވޭ އެއްޗެއްކަން ފާހަގަކުރައްވައި، ޢަދުލު އިންޞާފު ޤާއިމުކުރުމަށާއި މުޖުތަމަޢުގެ ލާބައަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޝަރުޢީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށާއި، ކޯޓުތަކުގެ ޙުރުމަތް ރައްކާތެރިކުރުމުގައި ވަކީލުންގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު ޙުސައިން ސިރާޖް ދެއްކެވި ވާހަކަފުޅުގައި، ވަކީލުކަމުގެ ހުވަޔަކީ ޤާނޫނުއަސާސީއާއި ޤާނޫނު ނަގަހައްޓައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، ތެދުވެރިކަމާއެކު ވާޖިބުތައް އަދާކުރުމަށް ވެވޭ ވަރުގަދަ ޢަހުދެއްކަން ފާހަގަކުރެއްވިއެވެ. އަދި މުވައްކިލުންގެ ސިއްރު ހިފެހެއްޓުމާއި، މަޞްލަޙަތު ފުށުއަރާ ޙާލަތްތަކުން އެއްކިބާވުން ފަދަ ސުލޫކީ މިންގަނޑުތައް ހިފެހެއްޓެވުމަށާއި، އަލަށް ތަޢާރަފުވާ ޤާނޫނުތަކަށާއި ކޯޓުތަކުގެ ނިންމުންތަކަށް އަހުލުވެރިވެ، ފަންނީ ޤާބިލުކަން އިތުރުކުރެއްވުމަށް ބާރުއެޅުއްވިއެވެ. މީގެއިތުރުން، ޤާނޫނީ އެހީތެރިކަން ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް ހިލޭ އެހީތެރިކަން (ޕްރޯ ބޯނޯ) ފޯރުކޮށްދިނުމަށް އިސްކަންދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ބާ ކައުންސިލުގެ ރައީސް އިތުރައް ވިދާޅުވީ، ކޮލިފައިންގ ލޯ ޑިގްރީގެ އެންމެ ދަށް މިންގަނޑަށް ގެނައި އިޞްލާޙާއެކު، 1 ޖަނަވަރީ 2027 އިން ފެށިގެން އެ ޕްރޮގްރާމްތަކުގެ އިމްތިޙާނުތައް ހަދަންޖެހޭނީ ހާޒިރުވެގެން ކަމަށެވެ. މިއީ ޤާނޫނީ ޚިދުމަތް ދޭ ފަރާތްތަކުގެ ފެންވަރު ކަށަވަރުކުރުމަށް ގެނައި ބަދަލެއް ކަމަށާއި، މި ބަދަލުގެ ސަބަބުން ކޯހުގެ މާއްދާތަކަށާއި މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހުއްދަ ހޯއްދެވި 9 ބޭފުޅުންނާއެކު، ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން މިހާތަނަށް 572 ފަރާތަކަށް ބާ ކައުންސިލުން ވަނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައެވެ. އަދި މިއާއެކު، ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ހިމެނޭ ވަކީލުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 1،985 އަށް އަރާފައެވެ.
މި ރަސްމިއްޔާތުގައި ސުޕީރިއަރ ކޯޓުތަކުގެ ޤާޟީންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންނާއި، ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ލޯ ފެކަލްޓީތަކުގެ ވެރިންނާއި ލެކްޗަރާއިން އަދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
