logo

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުގައި އިންތިޚާބުގައި 31،129 މީހުން ވަނީ ވޯޓުލާފައެވެ. ނަމަވެސް ވޯޓުލުމުގެ ޙައްގު 50،000އަށްވުރެ ގިނަ މީހުންނަށް ލިބޭ ކަމަށް އެ ޕާޓީން ނެރުނު ލިސްޓުން ދައްކައެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް 21،301 ވޯޓު ލިބުނެވެ. އަދި މި އިންތިހާބުގައި ދެން ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ލިބުނީ 9،462 ވޯޓެވެ.

މީގެ އިތުރުން ޗެއާޕާސަން އިންތިހާބުގައި ވާދަކުރަން ނަން ހުށަހަޅައި، ފަހު ވަގުތު އިންތިހާބުގައި ވާދަނުކުރަން ނިންމައި މީކާއީލަށް ތާއީދުކުރި އިބްރާހީމް މުހައްމަދު (ވާޑު) 132 ވޯޓު ލިބުނެވެ. އަދި 234 ވޯޓެއް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާފަ އެވެ.

މި އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބެހެއްޓި އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ރައީސް ނަޝީދު ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބު ކުރެއްވިކަން ވަނީ ކަށަވަރުވެފައެވެ. އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އާޓީފިޝަލް ބީޗުގައި ޚާއްސަ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެ ޕާޓީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން އެ ޕާޓީން ވަކިވެވަޑައިގެންނެވުމަށްފަހު އަލުން އަނބުރާ ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހުއެވެ. އެމަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.

ad