ދިގު މުއްދަތަކަށް ފަހު، މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް އަލި އަޅުވާލައްވާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ހަދަނީ މާލެއާއި ވިލިމާލޭގެ މަގުތަކެވެ.
މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބިޔަ މަޝްރޫޢެއް މީގެ ކުރިން ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމުގެ ދައުރުގައި ކަމަށާއި، އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ޙައްލުކުރުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ގަނައުމަށް އެމަނިކުފާނު ހައުސިންގ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރާއި މޭޔަރަކަށް ހުންނެވި ދުވަސްވަރުގައި ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އެންމެބޮޑުކަމަކަށް އޭރު އޮތީ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގަނައުންކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގެ މަގުތަކަށް ދިމާވެފައިވާ ޒަމާންވީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީ ލިބިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މާލޭގެ ބައެއް މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރައްވާނެކަމަށެވެ.
އަދި ބައެއް މަގުތައް ގައު އަތުރައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދަނީ ޑީވޯޓަރިން ސިސްޓަމްތަކާއި އަލީފާންގެ ހާދިސާއަށް ބޭނުންވާ ނިޒާމްތައް ޤާއިމްކޮށް ޒަމާނީ ފެންވަރަށްކަމަށެވެ.

