logo

ދެ ހަފްތާގެ އިމްޕޯޓަށް ވެސް ރިޒާވްގައި ޑޮލަރު ނެތް: ރައީސް ނަޝީދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
17 ގަޑިއިރު ކުރިން

ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރު ނެތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވ.

އައްޑޫ ސިޓީ ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިއިލެކްޝަންގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ރައީސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެންމެ ފުރަތަމަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށާއި، އަދި އޭގެ އަނެއް ހާފްތާގައި 20 ޕަސެންޓު މާރުކުރަންޖެހޭ ކަމަށް ވިދާޅުވި ކަމަށާއި އޭގެ ފަހުން ވިދާޅުވީ، 40 ޕަސެންޓުކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރުން މިދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއް ތޯ ވިސްނަން ޖެހޭ ކަމަށާއި، ލިބުނު އެއްވެސް ކުރިއެރުމެއް، ހިންގުނު އެއްވެސް ޕްރޮޖެކްޓެއް އުފެއްދުނު އެއްވެސް ވަޒީފާއެއްގެ ފުރުސަތެއްވެސް ނެތް ކަމަށެވެ.

ވިޔަފާރިއެއް ތަރައްގީކޮށްގެން ސިނާއަތެއް ތައާރަފްކޮށްގެން ދެމެހެއްޓެނިވި ގޮތުގައި ތަނަވަސްކަން ގެނައުމަށް، އިތުރު ކުރުމަށް ހަމަ އެއްކަމެއް ވެސް މި ސަރުކާރަށް ކުރެވިފައެއް ނެތްކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަނީ ވަރަށް ބޮޑަށް ގެއްލުން ވަމުން ކަމަށާއި، ޑޮލަރުގެ ރޭޓު މިހާރު ހުރީ 23 ރުފިޔާ އަށް ވުރެ މަތީގައިކަމަށެވެ.

ރައީސް ނަޝިދު އިތުރަށް ވިދާޅުވީ މި ސަރުކާރަކީ މީޒާނެއް ނެތް ސަރުކާރެއް ކަމަށެވެ. އޭގެ ހުރިހާ ގެއްލުމެއް ވަނީ ރައްޔިތުންނަށް ކަމަށެވެ.

މިއަދު ރާއްޖޭގެ ރައްޔިތުންނަށް މިކަންކަން ވަރަށް ސާފު ކަމަށާއި، ޕީއެންސީއަށް ވޯޓެއް ދިނުމުގެ މާނައެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދި އެއީ އެ ބޭފުޅުންގެ ސިޔާސަތެއް ނެތް، އެ ބޭފުޅުންގެ އަމާޒެއް ނެތް، ގެންނަ ކޮންމެ ސިޔާސަތެއް އޭގެ އަނެއް ދުވަހު އަނބުރާ ބަދަލުކުރާ ބައެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ad