ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ލަމްބޯގިނީ ލަގްޒަރީ ކާރެއް ހުޅުމާލެ ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އެ ކާރު ދުއްވި މީހާގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އޯގަސްޓް 21 ވަނަ ދުވަހުގެ ހެނދުނު 08:42 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލައިފައެވެ. މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވަނީ މަޢުލޫމާތު ލިބުނު ނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަވެެއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު ކާރުގައި ތިބީ ހަސަން ރިފާއު ،40، އާއި 13 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކާރު ދުއްވި 40 އަހަރުގެ މީހާގެ ޑްރައިވިން ލައިސަންސް މިހާރު ވަނީ ހިފަހައްޓާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

.jpg&w=256&q=75)
