logo

ލޯން ނުދައްކައިގެން ރީކޯ މޫސަގެ 2 ރިސޯޓް ވިއްކާލަން ބީއެމްއެލުން އިއުލާންކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ލ.އަތޮޅު ފަރެސް އަދި ކުޑަފަރެސްގައި ހިންގަމުން އަންނަ 100 ކޮޓަރީގެ ޓޫރިސްޓް ރިސޯޓު، އެންމެ މަދުވެގެން 45.633 މިލިއަން ޔޫއެސް ޑޮލަރު ހުށަހަޅާ ފަރާތަކަށް ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާނުކޮށްފިއެވެ.

ބީއެމްއެލް އިން ކުރި ނީލަމުގައި ބުނީ މި ރިސޯޓު ވިއްކާލަނީ ރަހުނުކޮށްފައިވާ މުދާ ވިއްކާލައިގެން ނުދައްކާ ހުރި ލޯނުގެ ފައިސާ ހޯދުމަށް ސިވިލް ކޯޓުން ބޭންކަށް ދީފައިވާ ހުއްދައެއްގެ ދަށުން، އާންމުކޮށް ހުޅުވާލައިގެން ބާއްވާ ނީލަމެއްގައެވެ.

ރަހާ ރިސޯޓް ހިންގަމުން އަންނަ ލ. ފަރެސް އާއި ކުޑަފަރެސްގެ އިތުރުން، އެ އަތޮޅު ބޮޑުހުރާއެވެ. ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މި ރަށްރަށުގެ ތެރެއިން ބޮޑުހުރާއަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެކެވެ. މި ތިން ރަށުގެ ވެސް ހެޑް ލީޒްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރުގައެވެ.

ހެވީލޯޑަށް ދޫކުރި 170 މިލިއަން ރުފިޔާގެ ލޯނު ނުދައްކައިގެން މީގެ ކުރިންވެސް އެ ރަށްތައް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިނެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ. ސިވިލް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަލުން މި އަމުރު ނެރުނީ، ރަށްތައް ވިއްކާލުމަށާއި ބީއެމްއެލްއިން އެދުނު އަގުތަކަށް ހެވީލޯޑް ކުންފުނިންވެސް އެއްބަސްވުމާ ގުޅިގެންނެވެ.

ކޯޓުގެ އަމުރުގައި ކަނޑައަޅާފައިވަނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރަށްތައް ވިއްކާލުމަށެވެ. އެގޮތުން ފުރަތަމަ މަހު ރަށްތައް ވިއްކުމަށް ފަށާ އަގަކީ 46 މިލިއަން ޑޮލަރެވެ. އެ މުއްދަތުގައި ނުވިކިއްޖެނަމަ ދެވަނަ މަހު 40 މިލިއަން ޑޮލަރަށް އަދި ތިންވަނަ މަހު ފަށާ އަގަކީ 38 މިލިއަން ޑޮލަރު ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ލޯނުގެ ރަހުނުގައި ހިމެނޭ މި ރަށްތަކުގެ މިލްކުވެރިންނަކީ ހެވީލޯޑް ކުންފުންޏާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަދި އޭނާގެ ތިން ދަރިންނެވެ. ހެވީލޯޑް ކުންފުނީގެ މައިގަނޑު ހިއްސާވެސް އޮންނަނީ މޫސަ އަދި އޭނާގެ ދަރިންގެ އަތުގައެވެ.

ނޮވެމްބަރު 2024 ގައި ހައިކޯޓުން ނެރުނު ވަގުތީ އަމުރަކާ ގުޅިގެން އެފަހަރު ރިސޯޓް ވިއްކުން ވަގުތީގޮތުން ހުއްޓުނެވެ. އަދި އޮކްޓޯބަރު 2025 ގައި ހައިކޯޓުން ވަނީ މުދާ ވިއްކުމުގެ ހުއްދަ ދީ ސިވިލް ކޯޓުން ކުރިން ނިންމި ނިންމުން ބާތިލުކޮށްފައެވެ. މިއާއެކު މި މަރުހަލާ އިތުރަށް ލަސްވެގެން ދިޔައެވެ.

މި މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހެޅީ 2026 ގައެވެ. ކުންފުނިން ދަރަނި އަދާކޮށްފައި ނުވާތީ، ރަހުނުކޮށްފައިވާ މުދާ ވިއްކާލުމުގެ ހުއްދަ ކޯޓުން އަނެއްކާވެސް ބީއެމްއެލްއަށް ވަނީ ދީފައެވެ. ކޯޓު ހުކުމުން އެނގޭ ގޮތުގައި ހެވީލޯޑުން ދައްކަންޖެހިފައިވާ ފައިސާގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 29.5 މިލިއަން ޔޫއެސް ޑޮލަރަށް (ގާތްގަނޑަކަށް 455 މިލިއަން ދިވެހި ރުފިޔާ) އަރައެވެ.

ބީއެމްއެލްއިން ބުނީ ޝައުގުވެރިވާ ފަރާތްތަކުން 2 ޑިސެމްބަރު 2026 ވާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ސިޓީއުރައެއްގައި ބަންދުކޮށް، މާލޭގެ އޯކިޑްމާގެ ބިލްޑިންގްގައި ހުންނަ ބީއެމްއެލްގެ ކްރެޑިޓް ޑިޕާޓްމަންޓަށް ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެއެވެ.

ޕްރޮޕޯޒަލްތަކުގައި ބީލަން ހުށަހަޅާ ފަރާތް އެނގޭނެ ލިޔުމަކާއި އެޑްރެސް، ގަތުމަށް ހުށަހަޅާ އަގު އެމެރިކާ ޑޮލަރުން، އަދި ފައިސާ ދެއްކުމަށް ހުށަހަޅާ ގޮތް ހިމަނަން ޖެހޭނެއެވެ. ކުންފުނިތަކުން ބީލަން ހުށަހަޅާނަމަ، ކުންފުނީގެ ފަރާތުން ބީލަން ހުށަހެޅުމުގެ ހުއްދަ އޮތްކަމުގެ ލިޔުން ވެސް ހުށަހަޅަންޖެހޭނެއެވެ.

ޕްރޮޕޯޒަލްތައް ކެނޑުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 2 ވަނަ ދުވަހު އެވެ.

ކާމިޔާބުވާ ފަރާތުން، ނަތީޖާ އަންގާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އަނބުރާ ނުލިބޭ ގޮތަށް 100،000 އެމެރިކާ ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެއެވެ. އަދި ނަތީޖާ އަންގާތާ ތިން މަސްދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފިނަމަ، މި ޑިޕޮސިޓް ފައިސާ އަގުގެ ތެރެއިން އުނިކުރެވޭނެއެވެ.

އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ، ޑިޕޮސިޓް ފައިސާ ދައުލަތަށް (ނުވަތަ ބޭންކަށް) ނެގޭނެއެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވިއްކުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި، އެންމެ މަތީ އަގު ހުށަހެޅި ފަރާތުގެ ބީލަން ބާތިލުކުރުމުގެ އިޚްތިޔާރުވެސް ބީއެމްއެލްއަށް ލިބިގެންވެއެވެ. އެފަދަ ހާލަތެއްގައި، ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ފުރުސަތު ދިނުމުގެ، ނުވަތަ ވިއްކުމުގެ މަރުހަލާ ބާތިލުކޮށް އަލުން ފެށުމުގެ އިޚްތިޔާރު ބޭންކަށް އޮންނާނެއެވެ.

ad