ކެމްބޯޑިއާ އިން ކަނޑުމަގުން ރާއްޖެ ގެނައި މުދާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ޔޫރަޕަށް ފޮނުވައިފި އެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެ މުދާ ވައިގެ މަގުން ފޮނުވާލީ ފްރާންސްގެ ލީލް އަށް ކަމަށެވެ. މިއީ ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ވެލާނާ އެއަރޕޯޓުގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް ފުޅާވެގެން ދިޔުމަކީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ ކުރިން އެމްއެލްއީ މެދުވެރިކޮށް ސީ-ޓު-އެއަރ ޚިދުމަތް ގިނައިން ބޭނުންކުރަމުން އައީ ބަންގްލަދޭޝް އިންޑިއާ އަދި ސްރީލަންކާގެ މުދަލަށް ކަމަށް ވީ ނަމަވެސް ކެމްބޯޑިއާގެ ޝިޕްމަންޓް ކާމިޔާބުކަމާ އެކު ނިންމައިލެވުމުން އާ ބާޒާރުތަކަށް އެ ޚިދުމަތް ފެތުރެމުންދާ ކަން ހާމަވާ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
ސީ-ޓު-އެއާގެ ހިދުމަތް ފުޅާވަމުން ދިއުމަކީ އިންޑިއާ ކަނޑުގެ މުހިއްމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވީއައިއޭގެ ދައުރު ވަރުގަދަވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.
ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓަކީ ހަމައެކަނި ވައިގެ މަގުން ފޮނުވުމަށް ވުރެ އަގުހެޔޮ އަދި ކަނޑު މަގުން އެކަނި ފޮނުވުމަށް ވުރެ އަވަސް ގޮތެއް ކަމުން އަވަހަށް ފޯރުކޮށްދޭން ޖެހޭ މުދަލަށް މިއީ އެންމެ އެކަށީގެންވާ ހައްލެވެ.
މި ކާމިޔާބީއާ އެކު އޭޝިއާ އާއި ޔޫރަޕް އަދި ދުނިޔޭގެ އެކި ބާޒާރުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއަރޕޯޓުގެ ދައުރު އިތުރަށް ވަރުގަދަވެފައިވެއެވެ.

