logo

މިނިސްޓަރުންނާއި ސިޔާސީ ވެރިންނާއި މަޖްލީސްގެ ރައީސާއި ކައުންސިލް ރައީސުންނަށް މުސާރަ ބޮޑުކުރުމަށް ހުށަހެޅި ބިލު ފާސްނުކުރުމަށް ފައިސަލް ނަސީމް ގޮވާލައްވައިފި

މަރްޔަމް
20 ގަޑިއިރު ކުރިން
ފައިސަލް ނަސީމް

ފައިސަލް ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މިނިސްޓަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންނާއި ނައިބުންގެ މުސާރަ ބޮޑު ކުރަން ނިންމި ނިންމުން ފާސް ނުކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ގޮވާލައްވައިފި އެވެ.

ސޯޝަލް މީޑިއާގައި އޭނަ މިއަދު ވިދާޅުވީ ‏ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި، ޤައުމުގެ އިޤްތިސާދީ ޙާލަތައް ބެލުމެއް ނެތި، އިތުރު ހޭދަތަކެއް ކުރުމަށް ނިންމާ، ރިކަރަންޓް ޚަރަދު އިތުރަށް ބޮޑުވާނެ ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ފައިސަލް ވިދާޅުވީ ‏އިސްކަން ދޭންވީ ދަރަނިން އަރައިގަތުމަށާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށް ކަމަށެވެ. އަދި ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ދޭން ޖެހޭ އެހީތެރިކަން މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމަށާއި، އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ފޯރުކޮށް ދޭ އިޖުތިމާއީ ރައްކާތެރިކަން ހަމަހަމަކަމާއެކު ފޯރުކޮށްދީ، އަދި މުދާ ގަތުމުގައި ވިޔަފާރިވެރިންނަށް ކުރިމަތިވާ މައްސަލައަށް ހައްލެއް ހޯދައި ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

‏"ޚަރަދު ކުޑަކުރުމުގެ ނަމުގައި ކުންފުނިތަކުގައި ވަޒީފާ އަދާ ކުރަމުން އަންނަ އާދައިގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަށް ފަހު، ސިޔާސީ އިސްވެރިންނަށް ލިބޭ ފައިސާ ގިނަކޮށް ސިޔާސީ މަޤާމުތައް އިތުރު ކުރުމަކީ މި ވަގުތު އިސްކަން ދޭން ޖެހޭ ކަމެއް ނޫން." ފައިސަލް ވިދާޅުޅުވި އެވެ.

އޭނަ ވިދާޅުވީ ވެރިންތަކެއްގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ ‏މާލިއްޔަތު ކޮމެޓީގެ ނިންމި ނިންމުން މަޖިލީހުގެ ތަޅުމަށް ގެނައި ނަމަވެސް ރައްޔިތުންނާ ގުޅުން ހުރި ޙައްސާސް މައްސަލަތަކަށް އެދެވޭ ޙައްލެއް ނުލިބި އޮތުމުން، ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް، މުސާރަތައް ބޮޑު ކުރަން ނިންމި ނިންމުން ފާސް ނުކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ.

މުސާރަ ބޮޑުކުރަން ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. އަދި އެކަމަށް ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.

ad