logo

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ތަރައްޤީކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެކެވެ.

ކަނޑުއޮތްގިރިން މިއަދު މަސްވެރިންނަށް އައިސް ވިއްކަން ފެށުމާއެކު، އެއީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ހިންގާ އޮޕަރޭޝަން ފުޅާކޮށް ހަރުދަނާ ކުރުމުގެ ތެރެއިން، ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއެއްވެސް މިމަހުގެތެރޭގައި ވަނީ ހުޅުވާފައެވެ. މިފްކޯގެ ހިކިމަސް ކާރުޚާނާ އަކީ ދުވާލެއްގެ މައްޗަށް 3 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކާރުޚާނާއެއް ކަމަށް މިފްކޯއިން ބުނެއެވެ. މި ކާރުޚާނާއިން ރޯމަސް ގެނެސް، ކަނޑައި މަސް ކެއްކުމުގެ އިތުރުން، މަސް ދިލަ ޖައްސާ ޕެކް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

View post on Twitter



މިފްކޯއިން ބުނީ އެކުންފުނީގެ އަމާޒަކީ ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އިތުރަށް ފުޅާ ކުރުން ކަމަށެވެ. އަދި މުސްތަޤުބަލުގައި އިތުރު ވަސީލަތްތަކާ އެކު މިހާރަށް ވުރެ ފުޅާކޮށް ކަނޑުއޮތްގިރި ހިންގާނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިފްކޯއިން އައިސް ކިލޯއެއް ވިއްކަމުން އަންނަނީ 0.75 ރުފިޔާއަށް ކަމަށާއި އެހެން ކަމުން ޓަނެއް ލިބޭނީ 750 ރުފިޔާއަށް ކަމަށެވެ. މިއީ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުޅަނދުތަކަށް ވިއްކާ އަގު ކަމަށާއި އެނޫން ފަރާތްތަކަށް އައިސް ލިބޭނީ ކިލޯއެއް 1.10 ރުފިޔާއަށް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިކަން ހައްލުކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އައިސް ޕްލާންޓްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަކީ 9500 މެޓްރިކް ޓަނުގައެވެ. އަދި އެއަދަދު 25000 ޓަނަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެކަން ކުރުމަށްޓަކައި މިހާރުވެސް 4 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ad