logo

ރެކޯޑް އަދަދަކަށް އެއް ދުވަސް ތެރޭ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

ދިޔާމާ އިބްރާހިމް
14 ގަޑިއިރު ކުރިން

މި އަހަރުގެ ފެބުރުވަރީ މަހަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެއަށް އެ ދުވަހު ވަނީ 8،621 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދާއެކު ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މި ވަނީ 1.7 މިލިއަނަށް އަރާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %3 ދަށް އަދަދެކެވެ.

މިމަހުގެ އަދަދުތަކަށް ބަލާއިރު، މިހާތަނަށް ވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އޮކްޓޫބަރު މަހުގެ ފުރަތަމަ 17 ދުވަސްތެރޭ ރާއްޖެއަށް 100,148 ފަތުރުވެރިން އައިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 99،268 ފަތުރުވެރިންނެވެ. އެހެންކަމުން ފަތުރުވެރިންގެ އަދަދަށްވަނީ %0.5 ކުރިއެރުމެއް ލިބިފައެވެ.

ޓުރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5998 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ރާއްޖޭގެ މާކެޓް ހިއްސާއަށް ބަލާއިރު، އެންމެ ކުރީގައި އޮތް ޗައިނާއިން މި އަހަރު ވަނީ ތިން ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ. އަދި ދެވަނައިގައި އޮތް ރަޝިއާއިން ދެ ލައްކަ މީހުން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީ، މިއިން ކޮންމެ މާކެޓަކުން ވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ad