logo

މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
2 ގަޑިއިރު ކުރިން

އިިގްދިޞާދާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފިއެވެ.

ގާނޫނުއަސާސީން ވަޒީރުންނަށް ލާޒިމުކުރާ ވާޖިބުތައް ފުރިހަމައަށް އަދާނުކުރައްވާ ކަމަށާއި، މަޖިލީހަށް ޒިންމާދާރުވެވަޑައިގަތުމުގައި ފަސްޖެހިވަޑައިގަންނަވާ ކަމަށް ބަޔާންކޮށް ސަޢީދާ ދެކޮޅަށް މި މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކުގައެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެމްޑީޕީން ހުށަހެޅި މި މައްސަލައިގައި މިނިސްޓަރާ ދެކޮޅަށް މައިގަނޑު ހަ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް ފާހަގަކޮށްފައިވަނީ، އިޤްތިޞާދަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެކަށީގެންވާ ސިޔާސަތުތަކެއް ތަންފީޒު ނުކުރެވި، ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް އަރައިގެން ދިއުމެވެ. މި މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ބަދަލުގައި، އެއީ ޢާންމު ހާލަތެއް ކަމަށް ވިދާޅުވެ މިނިސްޓަރު އެކަމުގެ ނާޒުކުކަން އޮޅުވާލައްވަން މަސައްކަތް ކުރެއްވި ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދަޢުލަތުގެ ފައިސާއާއި މުދާ ޒިންމާދާރުކަމާއެކު ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމެވެ. ދަޢުލަތުގެ މާލީ ފުދުންތެރިކަން ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ރާއްޖެއިން ބޭރުގައި ބޭއްވި އިންވެސްޓަރުންގެ ފޯރަމްތަކަށާއި އެކި މަޝްރޫޢުތައް ފެށުމުގެ ރަސްމިއްޔާތުތަކަށް ސަރުކާރުގެ ބޮޑެތި ޚަރަދުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ޤާނޫނުގެ އަސާސީ ބޭނުމަކީ ފަތުރުވެރިކަމަށް އެކަނި ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ އާމްދަނީ ލިބޭ ދާއިރާތައް އިތުރުކުރުން ކަމަށް ވިޔަސް، މި ސަރުކާރުން އެ ޤާނޫނު ބަދަލުކުރީ ދަޢުލަތަށް ގެއްލުންވާ ގޮތަށް ކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން ޓައުންޝިޕް ތަޢާރަފުކޮށް، ދަޢުލަތުގެ ބާރު ކުޑަވާ ގޮތަށް ރާއްޖޭގެ ބައެއް ބިންތައް ބޭރުގެ ފަރާތްތަކަށް ދޫކޮށް ބޮޑެތި ޢިނާޔަތްތަކާއި ލުއިތައް ދީފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

މައްސަލައިގެ ފަހުބައިގައި އަލިއަޅުވާލާފައިވަނީ، ސަރުކާރުން ފަށާނެ ކަމަށް އިޢުލާނުކުރި ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތް ހުއްޓި، އެކަމުން ރައްޔިތުންނަށް އެދެވޭ މަންފާއެއް ނުލިބުމުގެ މައްޗަށެވެ.

މިގޮތުން، ބަންކަރިންގ ޚިދުމަތުން ފުރަތަމަ އަހަރު ލިބޭނެ ކަމަށް ލަފާކުރި 400 މިލިއަން ރުފިޔާގެ ޢާމްދަނީ ނުލިބުމާއި، ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރުގެ މާލީ މަރުކަޒުގެ ބިންގާ އެޅުމަށްފަހު އެކަމާ ގުޅޭ މަޢުލޫމާތުތައް ސިއްރުކޮށްފައި އޮތުން ހިމެނެއެވެ. އަދި އިހަވަންދިއްޕޮޅުގެ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫޢަށް ހއ. ހޯރަފުށީ ފަޅުން ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދިން ނަމަވެސް، އެތަނުގައި ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށްވެސް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

ad