ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑު، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، އެޑްވާޑް އެޑައި، މިނިސްޓަރ ޢަލީ ޝަރީފުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޢަލީ ޝަރީފު ވަނީ، އެޑްވާޑް އެޑައި ރާއްޖޭގައި ހޭދަކުރެއްވި ދައުރުގައި ޔުނިސެފްގެ ފަރާތުން ލިބުނު އެއްބާރުލުމަށާއި، ބެހެއްޓެވި ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޔުނިސެފުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިނިސްޓްރީއާއި ޔުނިސެފާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، މިނިސްޓަރ ވަނީ އެޑްވާޑް އެޑައިގެ ކުރިމަގުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.


