ޕެންޝަން ސްކީމުގެ ތެރެއިން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ މީހުންގެ އަދަދު މިހާރު 24،000 އަރާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޝަމްއާން ޝާކިރު ވިދާޅުވީ، އެ ސްކީމުން ހައްޖަށް ދިޔުމަށް 24،000 އެއްހާ މީހުންގެ ޝަރުތު ހަމަވާ ކަމަށެވެ.
ރިޓަޔާމަންޓް ސޭވިން ބޭނުންކޮށްގެން ހައްޖަށް ދިޔުމުގެ ފުރުސަތު 2019 ގައި ހުޅުވައިލި ފަހުން މިހާތަނަށް 369 މީހަކު ސްކީމުން ހަރަދުކޮށްގެން ހައްޖަށް ގޮސްފައިވާ ކަމަށް ޝައްމާން ވިދާޅުވި އެވެ.
އުމުރުން 65 އަހަރު ހަމަވާ ފަހުން ވެސް ރިޓަޔާމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ހައްޖުވުމަށް ބޭނުން ކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނު އިސްލާހުކޮށް މިހާރު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.
މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަ ވާނީ މީގެ ކުރިން ހައްޖު އަދާކޮށްފައި ނުވާ އަދި ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓް ގައި މަދުވެގެން 336،000ރ. ހުންނަ މީހުންނަށް ކަމަށް ވެސް ޕެންޝަން އޮފިހުން ވަނީ ބުނެފައެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައި ވާ މެންބަރެއް ނަމަ، ޝަރުތު ހަމަވާނީ އެ އަދަދު އުނި ކުރުމަށް ފަހުވެސް އެކައުންޓުގައި 336،000ރ. ހުރި ނަމަ ކަމަށެވެ.
މި އުސޫލުގެ ދަށުން ހައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ހައްޖު ދަތުރުގެ އަގުގެ 20 ޕަސެންޓް ދެއްކުމަށް ފަހު ބާކީ ބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށް ދޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެފަ ވެެއެވެ.


