ގދ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މާލެއިން ހުވަދު އަތޮޅަށް ދަތުރު ކުރަމުންދާ ބޯޓެއްގައި މީހަކު ގދ. އަތޮޅުގެ އެކި ރަށްރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ދިލްކުޝާގެ / ގދ. ވާދޫ، މުޙައްމަދު ނިޝާދު (41އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 37.99 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 90 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ.


