logo

ހިމަބިއްސަކީ ރާއްޖޭގައި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން: ގީލާ

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ހިމަބިއްސަކީ މިއަދު ރާއްޖޭގައި އާދަޔާ ހިލާފަށް ފެތުރެމުންދާ ނުވަތަ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ ހިމަބިހި ކޮންމެވެސް ވަރަކަށް ރާއްޖޭގައި ފެންނަމުންދާ ކަމަށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން 100 އެއްހާ މީހުންނަށް މި ބަލި ޕޮޒިޓިވް ވެފައިވާކަމަށް ގީލާ ވިދާޅުވިއެވެ. ނަމަވެސް މި ބައްޔަކީ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށާއި، މިއީ ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ، ކޮންމެ ބައްޔަކީ ވެސް އެ ބައްޔަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި، އަދި އެ ބައްޔެއް ކޮންޓްރޯލްކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން ދާނެ ބައްޔެއް ކަމަށެވެ.

ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލޭ ސަރަހައްދުން ފެނިފައިވާއިރު، މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މިހާތަނަށް 5،495 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.

ހިމަބިހި ކޭސްއެއް ފެނިއްޖެ ނަމަ، އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް އިންވެސްޓިގޭޝަން ކުރިއަށް ގެންދިއުމާއި ގާތުން އެއްތަންވި މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިންގް ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުމެވެ. މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައެވެ. އެއަށްފަހު މޭމަތި، ބުރަކަށި،އަތުގައި އަދި ފައިގައި ބިހިތައް ނަގައެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރެވެ. އެކަމަކު އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު މި ބަލި ޖެހިފައިވާ ބަޔަކު ފެނިފައިވެއެވެ.

ad