ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތަ ނެގޭ ގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު އިސްލާހުކުރުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ، ޕާޓީ، ޕީއީއެންސީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. އެ އިސްލާހު ހުށަހެޅުއްވީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމަށެވެ.
ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް ދައްކާފައިވާނަމަ، އެގޮތުން ވިތުހޯލްޑިން ޓެކްސް ދައްކަންޖެހުނު އާމްދަނީގެ އަދަދަކީ އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެއް ކަމަށް މިހާރު އޮތް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރު ކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުނި ނުކުރެވޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފައެވެ.
މިހާރު ޤާނޫނު އޮތް ގޮތުން ރާއްޖޭގައި ވަޒަންވެރިނުވާ ކޮންޓްރެކްޓަރުން ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަނީ ލިބޭ ޖުމްލަ ފައިސާގެ 5 އިންސައްތައެވެ. ހުށަހެޅި އިސްލާހު ފާސްވެއްޖެނަމަ އެ ރޭޓު 10 އިންސައްތަ އަށް ބޮޑުވާނެއެވެ.
މީގެ އިތުރުން ވަޒަންވެރިނުވާ ފަރާތަކަށް ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީން ވިތުހޯލްޑިންގ ޓެކްސް ދައްކައިފައިވާނަމަ އެ ވިތުހޯލްޑިންގ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމުގައި ބެލެވޭނެ ކަމަށާއި ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާއިރު އެ އާމްދަނީ ނުހިމެނޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާވެސް ސަރުކާރުން ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން މި އިސްލާހާ ގުޅިގެން އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ލަފާކޮށްފައިވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

