ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ އަދަދު 70،000 އަށް އަރައިފިއެވެ.
އެކަން ހާމަކުރެއްވީ ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުން ދައްކާ ގޮތުން ނަމަ، ރާއްޖޭގައި މިވަގުތުން އެންމެ ގިނަ މެމްބަރުން ތިބީ ޕީއެންސީގައެވެ. ޕީއެންސީގައި 67،579 މެމްބަރުން އެބަ ތިބިއެވެ. މުންދު ވިދާޅުވި ގޮތުގައި ވެބްސައިޓުގައި އަޕްޑޭޓް ނުވަނީ މީގެ ދެ ދުވަހެއް ވަރު ކުރިން ޕީއެންސީން 70،000 މެމްބަރުން ހަމަކޮށްފައިވާތީ ކަމަށެވެ.
އީސީގެ ވެބްސައިޓު ދައްކާ ގޮތުން ނަމަ، ދެވަނަ އަށް އެންމެ މެމްބަރުން ގިނައީ އެމްޑީޕީގައެވެ. އެ ޕާޓީގައި ތިބި މެމްބަރުންގެ އަދަދު 55،399 އަށް އަރައެވެ. ތިން ވަނައަށް އެންމެ މެމްބަރުން ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގައި ތިބީ 10،401 މެމްބަރުންނެވެ.
މުންދު ވިދާޅުވީ އަންނަ މަހުގެ މެދުތެރޭގައި އޮންނަ ކޮންގްރެސްގައި 1،300 އެއްހާ މެންބަރުން ބައިވެރިވާނެ ކަމަށެވެ. އެއީ ރާއްޖޭގައި މީގެކުރިން ބޭއްވި އެއްވެސް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގައި ބައިވެރިނުވާ އަދަދެއް ކަމަށް ވިދާޅުވިއެވެ. އަދި މި ކޮންގްރެސް ހަތަރު ދުވަހުގެ ނިޔަލަށް ދެމިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
މުންދު ވިދާޅުވީ އިިންތިހާބެއް ކާމިޔާބު ކުރަން މިހާރު 180،000 އެއްހާ ސަޕޯޓަރުންގެ ވޯޓު ބޭނުންވާއިރު، ކޮންމެ ރަށެއްގެ ޕީއެންސީ މެންބަރުން ވެސް މަސައްކަތް ކުރަނީ އެ ރަށެއްގެ ކޮންމެ ގިންތިއެއްގެ ބަޔަކާ ވެސް ގުޅިގެން ކަމަށެވެ. ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ބޭނުންފުޅު ވަނީ ޕާޓީގެ ހުރިހާ މެމްބަރުންގެ ލަފަޔާއި އިރުޝާދާއި ހިޔާލު ހޯއްދަވައިގެން ކަންކަން ނިންމަވަން ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
އޭގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި މުންދު ފާހަގަ ކުރެއްވީ ޕީއެންސީގެ ކޮންގްރެސް ހަތަރު ދުވަހަށް ދެމިގެން ދިއުމެވެ. އެހެން ޕާޓީތަކުގެ ކޮންގްރެސް އާންމުކޮށް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ ނަމަވެސް، ޕީއެންސީގެ ކޮންގްރެސްގެ މައިގަނޑު އެއް ބޭނުމަކީ އާންމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް ވިދާޅުވިއެވެ.

