ރާއްޖޭގެ ހަ ރަށެއްގައި މުޅިން އަލަށް ފިއުލް ސްޓޭޝަން ގާއިމްކޮށް ތެޔޮ ލިބޭނެ އިންތިޒާމް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހަމަޖައްސައިފިއެވެ.
ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފިއުލް ސްޓޯރޭޖްތައް ޤާއިމުކުރުމަށް ނިންމަވާފައެވެ. އެގޮތުން އެފްއެސްއެމްގެ ފުރަތަމަ ފިއުލް ސްޓޯރޭޖް ހުޅުވީ، 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ރ. ދުވާފަރުގައެވެ. އެ މަޝްރޫއުގެ ދަށުން ޖުމްލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޭޝަން ގާއިމުކޮށް، މަސްވެރިންނާއި އާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ އިންތިޒާމެއް ގާއިމުކުރުމެވެ. އެގޮތުން ރ.ދުވާފަރުގެ އިތުރުން ހއ.އިހަވަންދޫ، ހދ.ހަނިމާދޫ، ށ.މިލަންދޫ އަދި ބ.އޭދަފުށީގެ އިތުރުން ފ.ނިލަންދޫގައި ވަނީ ފިއުލް ސްޓޭޝަން ގާއިމްކޮށްފައެވެ. މި މަޝްރޫޢުގެ އިތުރުން އެފްއެސްއެމްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ދ.ކުޑަހުވަދޫގައިވެސް ވަނީ ފިއުލް ސްޓޭޝަނެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ.
މީގެ އިތުރުން ޏ. ފުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެސްޓީއޯއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެފްއެމްއެސްގެ ހިދުމަތް މާލޭގެ އިތުރުން މިހާރު ދެމުން އަންނަނީ އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލަކު، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައެވެ.

