ވަޒީރުންނާ ކުންފުނިތަކުގެ ވެރިން ގޮވާގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޖަވާބުދާރީވުމަށް ސީދާ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
އަލީ އާރިފް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ވޯޓު އެ ފަރާތްތަކަށް މުހިންމު ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރޭތޯ ބަލައްލަވަން ރައީސް މުއިއްޒު މަޑުނުކުރައްވާކަމަށް އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ގޮވާގެން ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތަށް ސީދާ ވަޑައިގެން ރައްޔިތުންގެ ދަރުބާރުގައި ރައީސް މުއިއްޒު އަމިއްލަފުޅަށް މި ސަރުކާރު ކުރަމުންދާ ކަންކަމުގައި ޖަވާބުދާރީވަމުންދާކަމަށެވެ.
އެގޮތުން މިހާރުވެސް ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ އެކި ގިންތީގެ ގާތަށް ރައީސް އަމިއްލަފުޅަށް ވަޑައިގެން ދަނީ ޖަވާބުދާރީވެ ވަޑައިގަންނަވަމުން ކަމަށެވެ. ރައީސް ވަޑައިގަންނަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ކަމަށް އާރިފް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ވަނީ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން އެންމެ ފަހު ރައީސް ބަދައްލުކުރެއްވީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ އެވެ.
