logo

ފަހި ފްލެޓް މިލްކުނުވާ ފަރާތްތައް، ދަފްތަރުގައި ޖެއްސޭނެ ގޮތް ހަދަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ފްލެޓް ދޫކޮށްފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައި ދިނުމަށްފަހު، އެއްވެސް ސަބަބަކާ ހުރެ ފްލެޓް މިލްކުނުވާ ހާލަތެއްގައި، އެވަގުތަކު ރަށްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް، މާލެ ސިޓީގެ ދަފްތަރުގައި ޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ޖޫން 3 ވަނަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 05 ވަނަ ދައުރުގެ 02 ވަނަ ރަސްމީ އާންމު ޖަލްސާގައި މި ގޮތަށް ނިންމާފައިވަނީ، ރަށްވެހީންގެ ރަޖިސްޓްރީ ހަދައި ދިނުމަށްފަހު، އެއްވެސް ސަބަބަކާ ހުރެ ކުލި ނުދެއްކިގެން ކުއްޔަށް ދީފައިވާ ފަރާތަށް ފްލެޓް މިލްކު ނުވާހާލަތެއްގައި، އެވަގުތަކު ރައްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކާ މެދު އަމަލު ކުރާނެ އުސޫލެއް ކަނޑައެޅުމަށް ކައުންސިލްގައި ކުރެވުނު މަޝްވާރައަށް ފަހުގައެވެ.

މިކަމާ ގުޅޭ ގޮތުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، ރަށްވެހިންގެ ރަޖިސްޓްރީގައި އެމީހަކު ޖެއްސުމަށްފަހު އެމީހާ ވެގެންދާނީ މާލެ ސިޓީއަށް ނިސްބަތްވާ މީހެއް ކަމަށެވެ. ނަމަވެސް ފްލެޓް މިލްކު ނުވާހާލަތެއްގައި، އެވަގުތަކު ރައްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް އެ ހާލަތުގައި ކޮންމެވެސް ތަނެއްގައި އެމީހުން ރަޖިސްޖްރީ ކުރަން ޖެހޭނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދާދޭން ޖެހޭ ކަމަށާއި، މިނިސްޓްރީ ވެސް އޮތީ އަންގާފަ ކަމަށެވެ. ދެން އޮތީ ކުލި ނުދެއްކިގެން ވިއްކާލާ ހާލަތުގައި ކަމަށާއި، ދެން ވާނީ ކިހިނެތޯވެސް އާޒިމް ވަނީ ސުވާލު އުފައްދާފައެވެ. މިފަދަ ހާލަތުގައި އެ ތަނެއްގެ ރަށްވެހި ރަޖިސްޓްރީގައި ތިބި މީހުންނަށް ކޮންމެވެސް ގޮތެއް އޮންނަން ޖެހޭނެ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، މިކަމަކީ މިހާރު ވެސް މަދުމަގުން ދިމާވަމުން އަންނަ މައްސަލައެއް ކަމަށާއި، މިކަމަށް ކޮންމެވެސް އިދާރާއަކުން މިކަމަށް ހައްލު ހޯދާދޭން ޖެހޭނެ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ވިދާޅުވީ، މިއީ އެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ މަސްލަހަތު އޮތް ކަމެއް ކަމަށާއި، މިކަމާ ބެހޭގޮތުން ފްލެޓް ލިބުނު ފަރާތްތަކާއި، ފަހި ޔޫނިއަންގެ ބޭފުޅުންނާއި އެކު މަޝްވަރާކޮށް ހިޔާލު ހޯދަން ފެންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި މާލޭގެ ދަފްތަރަކީ ހަމަ މާލެގެ ރައްޔިތުން ކަމަށާއި މިކަމަށް ވިހާވެސް އަވަސް ހައްލެއް ހޯދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރ އަޙްމަދު ސަނީހް ޙަނީފް ހުށަހެޅުއްވި އިސްލާހްގައި ވިދާޅުވީ، މި ގޮތަށް ދަފްތަރުގައި ޖައްސާ މީހުންގެ ތެރެއިން ފްލެޓް ލިބުނު ފަރާތާއި، އެތަނުގައި އިތުރަށް ރަށްވެހިކަމުގެ ރަޖިސްޓްރީވާ އެހެން ފަރާތްތައް ފާހަގަ ކުރެވޭނެހެން އުސޫލެއް ގެންގުޅުން މުހިއްމު ކަމަށް ދެކޭ ކަމަށެވެ. އަދި އެމީހުންނަކީ ފްލެޓް ލިބިފައިވާ ފަރާތާއި އެއް ހަމައެއްގައި ބޯހިޔާވަހިކަން ކަށަވަރުވެފައިވާ ބަޔަކަށް ނުވާތީ ފްލެޓް ލިބޭ ފަރާތް އެނގޭނެ ހެން ދަފްތަރު އެކުލަވާލުމަށް އެދިފައެވެ.

ad