އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.
މި އެޕްރީލް މަހުގެ 27 ވަނަ ދުވަހު ދޫނިދޫގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 4690 ރަބަރު ޕެކެޓާއި 2768 ސެލޯފިންކޮޅާއި ފިލްމުހުސްކުރި 335 ދަޅާއި، 462 ބުލެޓުގެ އިތުރުން 3437 މަނާ ބޭސްގުޅައެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 1809 އައިޓަމެއް ނައްތާލާފައިވެއެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
މަސްތުވާތަކެތި ނައްތާލުމުގައި ނޫސްވެރިންނާއި، މި ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓުކުރުުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓުކުރި އާންމު ރައްޔިތުން ވެސް ބައިވެރިވިއެވެ.
މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.


