55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅި ނަމަވެސް އިސްތިއުފާ ނުދޭނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
މި ޕެޓިޝަން ހުށަހަޅަން އެމްޑީޕީގެ ފަރާތުން ނިންމީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އެމްޑީޕީން ކުރިއަށް ގެންދިޔަ 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދެއްވައިފައި ނުވާތީ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކި ކުރަން, 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަލަން ނިންމީ މިއަދުއެވެ. މި ޕެޓިޝަނަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނެކެވެ. ރައީސް ނަޝީދަށް ތާއިތު ކުރާ ފަރާތްތަކުން މި ޕެޓިޝަނާއި ގުޅޭ ގޮތުން ބުނީ ޕެޓިޝަނެއް ހުށަހެޅުމަށް ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ލީގަލް ޑިރެކްޓަރާއި ޑެޕިއުޓީ ޗެއާޕާސަން ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާތީ ކަމަށެވެ. އަދި އެހެން ފަރާތްތަކުގެ ނުފޫޒުން ނިންމުންތައް ނިންމަވަމުން ގެންދަވާކަން ފާހަގަވެފައި ވާތީ ކަމަށެވެ.
އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވެސް ވަނީ ޢަބްދުލްޣަފޫރު މޫސާ އަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އަބްދުލްގަފޫރު މުސާ ނުކުޅެދިފައިވާ ކަމަށެވެ. އަދި ފައްޔާޒް ވިދާޅުވެފައިވަނީ ޕާޓީގެ ބިންގާ އަލުން ބިނާކޮށް އިސްލާހުކުރަން މިހާރުވަނީ ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ފާހަގަ ކުރެއްވި ނިމިދިޔަ ކައުންސިލުގެ އިންތިޚާބުގެ ނަތީޖާއަކީ ދިވެހި ރައްޔިތުން އިސްލާހަށް ބޭނުންވެފައިވާ މިންވަރު ކަމަށައި، ދިވެހި ރައްޔިތުން މިހާރު އެމްޑީޕީއަށް ތާއިތު ކުރާކަން ސާބިތުވެފައިވާ ކަމަށެވެ.އެހެންކަމުން އެމްޑީޕިއަށް ލިބުނު ބޮޑު ކާމިޔާބީ އިން ހޯއްދެވި އެއްބައިވަންތަކަން ދަމަހައްޓަން މިހާރުގެ ޗެއާއަށް ނުކުޅެދިފައިވާތީ، އަދި އިންތިހާބުވެފައިވާ އޮފިޝަލުން މަގާމުން ދުރުކުރުމުގައި ޕާޓީގެ ގާނޫނު އަސާސީއާ އެއްގޮތް ނުވެވޭތީ، އެމްޑީޕީގެ މިހާރުގެ ޗެއާމަން މަގާމުން ދުރުކުރުމަށް ކޮންމެހެން ބޭނުންވާ ކަމަށެވެ.މިހާރުހުރުކަމަކަކަން އިސްލާހު ނުވެއްޖެ ނަމަ، ކުރީގެ ނާކާމިޔާބީތަކަށް އެނބުރި ދިއުމުގެ ބިރު އެބަ އޮތް ކަމަށާއި، އެމްޑީޕީ ހުރި މައްސަލަތައް ދެނެގަނެ ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދިން ހަމައެކަނި ޕާޓީގެ ބިންގާ އަލުން އާރާސްތުކޮށް، އެ އުޞޫލުތައް އަލުން ބިނާކުރަންޖެހޭ ކަމެކެވެ.
ޕާޓީގެ ކޮންގްރެސް ބޭއްވުމަށާއި، އެ ޕާޓީ އަށްގެންނަންޖެހޭ އިޞްލާޙުގެ މަގު ބައްޓަން ކުރުމަށް އެހީތެރިވެދޭނެ ޚިޔާލުތައް ހުރިހާ ރައްޔިތުންނާއި، ޕާޓީގެ މެންބަރުންނަށް ހުށަހަޅާ ކަމަށާއި، ޤައުމު އިޞްލާޙު ކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ޕާޓީ އިޞްލާޙު ކުރަންޖެހިފައިވާ ކަމަށެވެ.
(ގަޕޯ) ވިދާޅުވީ 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހެޅިނަމަވެސް މި ދަނޑިވަޅުގައި އިސްތިއުފާއެއް ނުދެއްވާނެ ކަމަށާއި، ގޮތް ނިންމުމަށް އެ ޕާޓިގެ ގައުމީ މަޖިލީހުގެ ވޯޓު ނެގުމަށް ގަޕޯ ވެސް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމުން ވަކި ކުރެވޭނީ ގައުމީ މަޖިލީހުން ހާޒިރުވެ، ވޯޓް ދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މަޖިލީހުގައި 123 މެންބަރުން ތިބޭއިރު ކޯރަމް އަކީ 31 އެވެ.


