logo

ޖޫން މަހުގެ ނިޔަލަށް މީޑިޔާ ވިލޭޖުގެ މަސައްކަތް ނިންމަނީ

އާމިނަތު މޫސާ
ދުވަހެއް ކުރިން

ސަރުކާރުން ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގައި ވާހަކަދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ މީޑިއާ ވިލެޖުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ކުރިން ހަވާލުކޮށްފައި އޮތް ވުޒާރާ ބަދަލުވި ނަމަވެސް މަސައްކަތަށް ބުރުއެއް ނާރާ ކަމަށާއި އަންނަ ޖޫން މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މީޑިއާ ވިލެޖު ތަރައްގީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ހެދި އިމާރާތުގައެވެ. އެތަން ރާއްޖޭގެ ތަރައްޤީއަަށް އިންޤިލާބީ ބަދަލެއް ގެންނާނެ ފަދަ ގޮތަކަށް ތަރައްޤީކޮށް، ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީޑިޔާތަކުން އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި، ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މާލީގޮތުން ކުރިމަތިލާން ޖެހިފައި އޮންނަ ދަތި ޙާލަތުން އަރައިގަނެ، ލިބޭ އާމްދަނީއިން މީޑިއާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކުޑައަގެއްގައި ކުއްޔަށް ނެގޭނެ އޮފީހާއި، ސްޓޫޑިއޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް ހަލުއި ދުވެއްޔެއްގައި ކުރިޔަށްދާ ކަމަށެވެ.

ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށާއި، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުޞަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ad