ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ބޭރުކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި ނާޒިމް އެ ގުރޫޕުން ބޭރުކޮށްލީ މިއަދު ހެނދުނު 6:00 އެހާކަންހާއިރުއެވެ. އެހެންނަމަވެސް ނާޒިމް އެ ގްރޫޕުން ބޭރުކޮށްފައިވާ ސީދާ ސަބަބެއް މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ.
އެ ގްރޫޕުން ނާޒިމް ބޭރުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ އެންމެ ބާރުގަދަ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން ވެސް މިމަހުގެ 21 ވަނަ ދުވަހު ނާޒިމް ވަނީ ވަކިކޮށްފައެވެ.
241 ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ހަމަދު އަބްދުﷲ އެވެ. އަދި މާލިއްޔަތު ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ޒަމީރެވެ.
އެ ގުރޫޕަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވާހެން ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ.

