logo

މެލޭޝިއާގައި ބާއްވާ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

"މެލޭޝިޔާ އިންޓަނޭޝަނަލް އަލްގުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ގުރުއާން މުބާރާތުގައި ބައިވެރިވެ ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ ކީރިތި ގުރުއާނާބެހޭ މަރުކަޒުން ކުރި އިއުލާނުގައި ބުނީ، މި އަހަރުގެ 4 އޮކްޓޯބަރުން 10 އޮކްޓޯބަރުގެ ނިޔަލަށް މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 66 ވަނަ "މެލޭޝިޔާ އިންޓަނޭޝަނަލް އަލްގުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިކުރުމަށް އެ މަރުކަޒުން ހޮވުމަށްފަހު ހުށަހަޅާ 2 ބައިވެރިން، މުބާރާތް އިންތިޒާމުކުރާ ފަރާތުން 3 އިން 8 މެއި 2026 އަށް ބާއްވާ އޮންލައިން ސްކްރީނިންގައި ބައިވެރިވާންޖެހޭނެއެވެ. މިއީ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ހުރިހާ ބައިވެރިންނަށް ބާއްވާ ކޮލިފައިން ބުރެކެވެ. މުބާރާތުގައި ކިޔެވުމަށް މެލޭޝިއާ އަށް ގެންދާނީ މި ކޮލިފައިން ބުރުން ފާސްވާ ބައިވެރިންނެވެ.

އެ މަރުކަޒުން ބުނި ގޮތުގައި، މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އަންހެން ބައިވެރިއަކާއި، ފިރިހެން ބައިވެރިއަކާއި އެކު، ޖުމްލަ ދެ ބައިވެރިންނަށެވެ. މުބާރާތުގައި ބައިވެރިވެރިވުމަށް ހުޅުވާލާފައިވަނީވެސް ދެ ކެޓެގަރީއަކުންނެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއިން ކޮންމެ ކެޓެގަރީއަކުން ހޮވާނީ އެންމެ ބައިވެރިއެއް ކަަމަށް ގުރުއާނާބެހޭ މަރުކަޒުން ބުންޏެވެ. އެއީ މުޅި ގުރުއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓަގަރީއާއި، މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ކެޓަގަރީއެވެ. ހިތުން ކިޔެވުމުގެ ބައިގައި ބައިވެރިވެވޭނީ 13 އަހަރާއި 25 އަހަރާ ދެމެދުގެ ހާފިޒުންނަށެވެ. އަދި މުޖައްވަދު ބައިގައި ބައިވެރިވެވޭނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.

އެގޮތުން ކޮންމެ ކެޓަގަރީއަކުން ބައިވެރިއަކު، ހޮވާނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތައް ކީރިތި ގުރުއާނާބެހޭ މަރުކަޒުން އިމްތިހުނު ކުރުމަށްފަހުގައެވެ. އިމްތިހާނު ކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުކޮށް ކިޔެވުމުގައި ބައިގައި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެއެވެ.

ad