logo

އެސްޑީއެފަށް 400 މިލިޔަން ރުފިޔާ ޖަމާކޮށްފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

މި އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފަށް 400 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މި މަހުގެ 19ގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖުމްލަ 425.1 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ 2025ވަނަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި އަދަދާއި އަޅަބަލާއިރު %8.6 އިތުރު އަދަދެކެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޖަމާކޮށްފައިވަނީ 391.6 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް ދަރަނިތައް އަނބުރާ ދެއްކުމަށް 809.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ބޭރުގެ ލޯނުތައް ދެއްކުމާއި އިގްތިސޯދީ ލޮޅުންތަކުން އައިސްދާނެ ގެއްލުމަކުން އަރައިގަތުމަށް އެމްއެމްއޭގައި އުފައްދާފައިވާ ސަރުކާރުގެ ވަކި ފަންޑެކެވެ.

2016ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވަރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ ޖަމާކުރަމުންނެވެ. އެއީ އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިހާތަނަށް ރާއްޖެއިން ދަރަނި އަދާކުރުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ދަރަނި އަދާކުރަން އިތުރު ދަރަނި ނަގަން ޖެހިފައިވާކަމަށާއި، ނަމަވެސް ދަރަނި އަދާކުރުމަށް އިތުރު ދަރަނި ނަގަން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށެވެ.

ad