މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފުލުހުން ނިންމައިފިއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓް ދޭކުން ފަހަކަށްވާ ސަރަހައްދުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން ރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، ކަނޑައެޅިފައިވާ ވަގުތުގެ ކުރިން އެ ސަރަހައްދުން ނެންގެވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ. މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް ޗާޓާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ފުލުހުން އިތުރަށް ބުނީ، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތަށް ސަރަހައްދު ބަންދުކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ.
އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެންފައިވާ ބަދަލުތަކުގެ ތެރޭގައި، ބާސެލޯ ނަސަންދުރަ އިން ފެށިގެން ބޮޑުތަކުރުފާނުމަގު-ޗާންދަނީމަގު ކަންމައްޗާ ހަމައަށް އާންމު ޓްރެފިކަށް ބަންދުކުރުމާއެކު، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ވަނީ ބަންދުކޮށްފައެވެ.
މިއަދުން ފެށިގެން މަގު ހެދުމުގެ މަސައްކަތް ނިންމާ، އެ ސަރަހައްދު އަލުން ހުޅުވާލަންދެން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް އޮންނަ ސަރަހައްދުގެ ފަޅު ބަންދުވާނެ ކަމަށް މީގެ ކުރިން މާލެ ސިޓީ ކައުންސިލް ވެސް ވަނީ ބުނެފައެވެ.
އަދި މަސްވެރިންގެ ޕާކާ ހަމައިން 5 ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު މި މަހުގެ 30 އިން ފެށިގެންް މަސައްކަތް ނިންމާ އެ ސަރަހައްދު ހުޅުވާލަންދެން ބަންދުވާނެ ކަމަށެވެ.
ފަސް ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ސަރަހައްދު އަންނަ މަހު 17 އިން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެ ކަމަށް ވެސް ކައުންސިލް ބުނެއެވެ.
