logo

މީޑިއާ ވިލެޖު މިއަހަރުގެ މެދު ތެރޭގައި ހުޅުވަނީ

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

މީޑިއާ ވިލެޖްގެ މަސައްކަތްތައް ނިންމައި މިއަހަރުގެ މެދުތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މީޑިޔާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި، ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މާލީގޮތުން ކުރިމަތިލާން ޖެހިފައި އޮންނަ ދަތި ހާލަތުން އަރައިގަނެ، ލިބޭ އާމްދަނީއިން މީޑިއާ އިތުރަށް ތަރައްގީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކުޑައަގެއްގައި ކުއްޔަށް ނެގޭނެ އޮފީހާއި، ސްޓޫޑިއޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް ހަލުއި ދުވެއްޔެއްގައި ކުރިޔަށްދާ ކަމަށެވެ.

ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށާއި، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުސަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމުގައި ހަމަޖެހުން ގާއިމްވެގެން ދިއުމުގައި އަދި، ތަރައްގީގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި، އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި ހަރުދަނާ މީޑިއާއެއް ގައުމުގައި ގާއިމްވެފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެއްގައި ހިފަހައްޓަން ޖެހޭނޭ މިންގަނޑުތައް އަބަދުމެ ހިފަހައްޓަމުން 5 ކާފު ހަމަ ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން، ރައްޔިތުންގެ މި މުހިންމު ޙައްޤު ކަށަވަރު ކޮށްދިނުމުގައި ސާބިތުވެ ދެމި އޮންނާނެކަމަށާއި، ރާއްޖޭގެ ތާރީޚުގައި އަލަށް، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކޮށްފިން. 40 މީޑިއާއަކަށް 27,295,532.69 ރުފިޔާ މިހާރުވާނީ ޖަމާކޮށްފައި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މީޑިއާ އާ މަޢުލޫމާތު ޙިއްސާ ކުރުމުގައިވެސް މި ސަރުކާރުން މީޑިއާ އާ ގާތުން މަސައްކަތްކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.

ad