logo

ކޮންމެ ސަރުކާރެއްގައިވެސް، ނޫސްވެރިންނާއި މީޑީއާތައް ކޮންޓްރޯލް ނުކުރެވިގެން އުޅެނީ ކީއްވެ؟

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
25 ދުވަސް ކުރިން

ފެނުނު މަންޒަރާއި އަޑުތައް ވަރަށްވެސް ދެރައެވެ. ނޫސްވެރިން ކޮށާލިވާހަކައެވެ. ގެއްލުވާލި ވާހަކައެވެ. ކުޑަގޮޅިތަކުން އަނިޔާގެ ދިލަހޫނަށް ހުށަހެޅުނު ވާހަކައެވެ. އެކަމަކު ނޫސްވެރިން ފަހަތަށް ނުޖެހި ކުރިއަށް ދަނީ ހާދަ ގައުމީ ވަންތަކަން ހުރީމައެވެ. އަދިއޭނާގެ މުޅި ދިރިއުޅަށްވުރެ މިނިވަން ޙިޔާލަށް އޭނާ ގުރުބާން އެވަނީ އޭނާ ގައުމަށްޓަކާއިވާ ތެދުވެރިކަންވެސް ބޮޑުވީމައެވެ.

ފުރާނަ އަތް މައްޗަށްލައިގެން ތެދުވެ އޭނާ ހާމަކުރަނީ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކައެވެ. ނޭއްގާނީ އަމަލުތަކާއި ސިއްރުކޮށް ފޮރުވާ ވާހަކަތަކުގެ ހަގީގަތެވެ. ބާރުގަދަ މީހާގެ މުށުތެރެއިން ވާހަކަތައް ހޯދާ ނެރެ ނިކަމެތި މީހާ ސަލާމަތުގެ މަގަށް ގެނައުމަށް އޭނާ އެވާ ގުރުބާނީއަކީވެސް ހަގީގަތުގަ ކުޑަ ގުރުބާނީއެއްވެސް ނޫނެވެ. އޭނާ އަބަދުވެސް ބުނަނީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވެންޖެހޭ ކަމަށެވެ. މިނިވަން ޙިޔާލު ފާޅު ކުރެވެންޖެހޭނެ ކަމަށެވެ.

އަހަރެންވެސްމީ ނޫސްވެރިއެކެވެ. ނޫސްވެރިކަމުގެ ހަޔާތުގައި އަދި ގުނަމުން މިދަނީ ފަސްވަނަ އަހަރެވެ. އަދި މިދަނީ ނޫސްވެރިކަމުގެ ޅަ ދައުރެއްކަމަށް އަހަރެންވެސް ގަބޫލު ކުރަމެވެ. ޅަފަތުގެ ދައުރެއް ގުނަމުންދާ ނޫސްވެރިއަކަށްވެހުރެ ނޫސްވެރިކަމުގަ އެނގޭނީ ކޯއްޗެއްހެއްޔޭ ދެނެހުރީ ކޮން ތަޖުރިބާއެއްހެއްޔޭވެސް މީހުން ހީކޮށްފާނެއެވެ. ތެދެކެވެ. ބުނަންވެސް ބުނާނެއެވެ. އެކަމަކު ދިވެހި ތާރީހުން އަޅުވެތިކަމުގައި އޮތް ނޫސްވެރިކަން މިނިވަންކަމާއެކު ކުރުމަށް ފުރުސަތު ހުޅުވާލި މާޒީން ފެނުނު މަންޒަރު ވަރަށް ރަނގަޅަށްވެސް ބެލީމެވެ. އެކަމަކު ރަސްމީ ސިފައެއްގައި މިއަދު ނޫސްވެރިކަން ފެށިނަމަވެސް، ޒުވާން އުމުރޭ ބުނެ ދައުވާ މި ކުރާ އުމުރު ފަހަނައަޅާ މިދަނީ އޭރުގެ މާޒީ ހޯދާ ބަލަމުންނެވެ.

އޭރު ފެނިފައިވީ އަމަލީ ގޮތުން މިއަދު ފެނުނު ފަސްއަހަރުގެ ނޫސްވެރިކަމެއް ނޫނެވެ. މީގެ އެތައް އަހަރެއްކުރިން ނޫސްވެރިން ކޮށްފައިވާ ބުރަ މަސައްކަތާއި ނޫސްވެރިކަމުގެ ބިރުވެރިކަންވެސް ދުރުގަ ބަލަންހުރީ ވާނުވާ ދެނެހުރެގެނެވެ. އޭރުގެ ހާލަތާއި ކަންއޮތް ގޮތް، ނޫސްތަކުން ކިޔާ ހިތް ކުދިކުދިވިއެވެ. މަންޒަރުތަކުން ހިތަށް ބިރުވެރިކަން ވަނެވެ. އެކަމަކު އަހަރެން ހިތައްއެރީ އަހަރެން ގައުމަށްޓަކާއި ކުރާނީ ކޮންކަމެއް ހެއްޔެވެ. ދުލާގަލަމުގެ މިނިވަންކަމަށް ހުންނާނެ އެކަކަށްވާނެ ކަމެވެ. ވަގުތު ލިބުނީމަ ތެދުވީމެވެ. ފިސާރި ބާރަށެވެ.

ދަންނަވަންހެއްޔެވެ. އަހަރުމެންނާއި ހަމަޔަށް ނޫސްވެރިކަން ހަގީގަތުގައި އައީ ވަރަށް ވެސް މިނިވަސް ނޫސްވެރިކަމެއްގެ ގޮތުގައެވެ. ދުލާއި ގަލަމުގެ މިނިވަންކަން އޮތީ ހަގީގަތަށް ބުނާނަމަ ތައްމިނަށް ހުޅުވިފައެވެ. އޭރާއި މިހާރަށް ވަރަށް ބޮޑު ބަދަލުތަކާއި އެކުގައެވެ. މަގުމަތިންފޮށޭނެ މީހެއް ނުވެއެވެ. ޑިމޮކްރަސީގެ ހަމަތަކާއެކު މިނިވަން ނޫސްވެރިކަމަށް ބަޔަކު ލޭ ކޮށާލާ ތެދުވެ ކުރި މަސައްކަތުން އަހަރުމެންނަށް އޭގެ ނަތީޖާ ނުކުތީ ދޮން އަނބެއް ފަދައިންނެވެ. އެކަމަކު ކޮންމެ ވެރިކަމެއްގައިވެސް ވަރަށް ހިތާމަހުރި ކަންތައް ދަނީ ފެންނަމުންނެވެ. ނޫސްވެރިކަން މަރާލަން ބަޔަކު ތެދުވާތަން ފެނެއެވެ. ޚާއްޞަކޮށް ރައީސް ޔާމީންގެ ސަރުކާރަކީ ނޫސްވެރިކަމުގެ ބިރުބޮޑު ވެރިކަމެއްކަން ވަރަށް ބޮޑަށް ވަނީ ސާބިތު ވެގެން ގޮސްފައެވެ.

އެ ހިނގައިދިޔަ ހިޔާމަވެރި ހާދިސާތަކުން މައިން ތިބީ އެމީހުންގެ ދަރިން ނޫސްވެރިކަމުގެ ދާއިރާއަށް ނެރެން ޖެހިލުންވެފައެވެ. ކިތަންމެ ދުވަހަކު އަހަރެންގެ މަންމަވެސް އާދޭސްކުރިއެވެ. ދަރިފުޅާއެވެ. ތިއީ މީހުން ކުރަން ހެޔޮވާވަރުގެ ކަމެއްނޫނޭ ބުންޏެވެ. އެކަމަކު އަހަންނަށް ގައުމަށް އަހަރެން ކޮށްދޭން މިނޫން އެހެންކަމެއް ހަމަ ކަމުނުދިޔައީއެވެ. މިދާއިރާއަށް ނުކުތީ މީހުންގެ އިހްތިރާމް ލިބޭނީ ލިބޭ ގޮތަށް އުޅެގެންކަން ދަނެގެން މަސައްކަތް ކުރުމުން ކޮންމެ ކަމެއްވެސް ހިނގާނީ ރަނގަޅަށްކަން ދެނެހުރެގެންނެވެ.

މިއަދު ނޫސްވެރިކަމަކީ ތިމަންނާމެންގެ ތަރިކައެކޭ ބުނެ ދައުވާ ކުރުމުގެ ހައްގު އެމްޑީޕީންވެސް ނަގައެވެ. އެއީ އޭރު މަގުމައްޗަށް ނިކުމެ ތިބެ އެބައިމިހުން ކުރި މަސައްކަތުން މިނިވަންކަމާއެކު ލިޔުންތެރިންނަށް ފުރުސަތު ހޯދުނީތީއެވެ. އެހެނަސް ވެރިކަން ލިބުނީމާ ހަމަ ނޫސްވެރިން ކޮންޓްރޯލް ކުރަން އެމްޑީޕީވެސް އުޅުނެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ރައްޔިތުންގެ މަޖިލީހަށް ނޫސްވެރިކަން ކޮންޓްރޯލްކުރަން ބިލެއް ހުށަހެޅިއެވެ. އަދި މަޖިލީހުން ބިލު ފާސްވެސް ކުރިއެވެ. އެއީ ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ ގޮތަށް ހުށަހެޅުނު ބިލެކެވެ. އޭރުވެސް އެކަން ބަދަލުކުރީ ނޫސްވެރިން ދޫނުދީ އަރުވާލު ޕްރެޝަރުންނެވެ.

މިހާރު ވެސް މިއުޅެނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިގެންނެވެ. މި ބިލުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަމާށް ނޫސްވެރިން ދަނީ ބުންމުންނެވެ. ބިލް މަޖިލީހުން ބަލައިގަތުމާއެކު ނޫސްވެރިން އިހުތިޖާޖު ފެށިއެވެ. އަޑު ބާރުކޮށް ހަޅޭލެއްވީ ބިލުގެ ސަބަބުން މިނިވަން ނުސްވެރިކަން ނެތިދާނެކަމަށް ބުނަމުންނެވެ. އަދި އޭގެ ސަބަބުން ޤައުމުގައި މިހާރުވެސް އެ މައްސަލައެއް ބޮޑުވެފައިވާ އެއް މައްސަލަ ކަމަށްވާ ވައްކަމާއި ކޮރަޕްޝަނަށް އިތުރަށް ފުރުސަތު ހުޅުވި، ވަކި ބަޔަކު ބޭނުންވާ މަންޒަރެއް އެކަނި ރައްޔިތުންނާ ހަމަޔަށް ތިލަކޮށް މީޑީއާތައް ފިއްތާލާނެކަމަށް ބުނަމުންނެވެ.

ވިސްނަވާށެވެ. ކަނޑައެޅިގެން ދޮގު ޚަބަރު ފަތުރާ ނޫސްވެރިންގެ މައްޗަށް ދައުވާކުރުމަކަށް މިހާރުވެސް އެއްވެސް ހުރަހެއް ނެތެވެ. އަބުރުގެ ދައުވާކޮށް ނޫސްވެރިޔާ ލިޔުނީ ދޮގުކަން ސާބިތުކޮށްދޭން ހަމަ ކޯޓަށްވެސް މައްސަލަ ހުށަހެޅޭނެ ނޫންތޯއެވެ.

އެއްކޮޅުން ނޫސްވެރިން ވަރެއް ނެތިގެން އެމީހުންނަށް މިނިސްޓަރުކަމާއި މަޖިލިސް މެންމްބަރުކަން ދޭން އޯކޭވެފައި އަނެއްކޮޅުން ނޫސްވެރިން މައްސަލައަކަށް ވެގެން މިއުޅެނީ ކީއްވެތޯ މިއީވެސް ގިނަބަޔަކު ކުރަމުން އަންނަ ސުވާލެކެވެ. މިއީކީ ވަކި ސަރުކާރަކަށް އަމާޒުކުރާ ސުވާލެއް ނޫނެވެ. ކޮންމެ ސަރުކާރެއްގައިވެސް ކޮންމެވެސް ސިފައެއްގައި މީޑިއާތައް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރެއެވެ. އެހެންކަމުން، ކޮންމެ ސަރުކާރެއްގަިއވެސް، މިވަރަކުން ނޫސްވެރިންނާއި މީޑީއާތައް ކޮންޓްރޯލް ނުކުރެވިގެން މިއުޅެނީ ކީއްވެކަމާމެދު ސުވާލު އުފެދެއެވެ.

ad