logo

"ގްލޯބަލް ސުމުދް ފްލޮޓިލާ" ގްރީސްއިން ސީދާ ޣައްޒާއަށް ދަތުރުފަށައިފި، ހިމާޔަތުގައި 3 ގައުމެއްގެ މަނަވަރުތައް

ސައިފު އަޒުހަރު
11 ދުވަސް ކުރިން
"ގްލޯބަލް ސުމުދް ފްލޮޓިލާ" މިހާރު ދަތުރުކުރަމުންދާ ލޮކޭޝަން: 5 ދުވަސްތެރޭ ޣައްޒާއަށް ފޯރާނެ

"ގްލޯބަލް ސުމުދް ފްލޮޓިލާ" މިހާރު ދަތުރުކުރަމުންދާ ލޮކޭޝަން: 5 ދުވަސްތެރޭ ޣައްޒާއަށް ފޯރާނެ

ޣައްޒާގެ ހިސާރު ފޫއަޅުވާލަންދާ "ގްލޯބަލް ސުމުދް ފްލޮޓިލާ" ގްރީސްގެ ކްރީޓް އައިލެންޑުން ސީދާ ޣައްޒާއާ ދިމާއަށް ދަތުރު ފަށައިފިއެވެ.

ކްރީޓް އައިލެންޑުން ދަތުރު ފެށިއިރު، މި ގާފިލާއާ އިތުރު ބޯޓުތައްވަނީ ގުޅިފައެވެ.

"ގްލޯބަލް ސުމުދް ފްލޮޓިލާ" ގާފިލާ ދަތުރު އިންތިޒާމުކުރާ ފަރާތުން ބުނެފައިވަނީ، މެކޭނިކަލް ނުވަތަ އެހެން ހުރަސްތަކެއް ކުރިމަތި ނުވާނަމަ 5 ދުވަސްތެރޭ ގާފިލާ ޣައްޒާއަށް ފޯރާނޭ ކަމަށެވެ.

"ގްލޯބަލް ސުމުދް ފްލޮޓިލާ" ގާފިލާ ކަނޑުމަތީގައި ދަތުރުކުރާތާ މިއަދަށް 13 ދުވަސް ވެއްޖެއެވެ.

މި ގާފިލާ ހުއްޓުވައި އަދި ބިރު ދައްކަން އިސްރާއީލުން ޑްރޯން ފޮނުވައި އެތައް ހަމަލާއެއް ދީފައި ވެއެވެ. ޑްރޯން ބޭނުންކޮށްގެން ގާފިލާގައި ހިމެނޭ ބައެއް ބޯޓުތަކަށް ކެމިކަލްވެސް އަޅާފައިވެއެވެ.

އަދި މުއާސަލާތީ ގުޅުންތަކުގެ ސިގްނަލް ޖޭމްކުރުމުގެ މަސައްކަތްވެސް ކޮށްފައި ވެއެވެ.

"ގްލޯބަލް ސުމުދް ފްލޮޓިލާ" ގައި ދަތުރުކުރާ މީހުންގެ ތެރޭގައި ދުނިޔޭގެ 44 ގައުމަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި، ސިޔާސީ މީހުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަޝްހޫރު އެކްޓިވިސްޓުންނާއި، ޑޮކްޓަރުންނާއި، އާޓިސްޓުންނާއި، ގާނޫނީ އެތައް ވަކީލުންވެސް ހިމެނެއެވެ.

އެހެންވެ، ގާފިލާގައި ހިމެނޭ މީހުން ނިސްބަތްވާ ބައެއް ގައުމުތަކުން މިހާރުވަނީ، ގާފިލާގެ ހިމާޔަތަށް އަސްކަރީ މަނަވަރުތައްވެސް ފޮނުވާފައެވެ.

"ގްލޯބަލް ސުމުދް ފްލޮޓިލާ" އާއެކު، ސްޕެއިން، އިޓަލީ އަދި ގްރީސްގެ މަނަވަރުތައް މިހާރު ދަތުރުކުރަމުން ގެންދެއެވެ.

ދަތުރު އިންތިޒާމުކުރާ ފަރާތުން ގެންދަނީ، ގާފިލާއާއި، ގާފިލާގައި ހިމެނޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގައުމުތަކުގެ ސަރުކާރުތަކަށް އަދިވެސް ޕްރެޝަރ ކުރަމުން ގެންދިއުމަށް އާންމުންނަށް ގޮވާލާފައެވެ.

ޣައްޒާގެ ނަސްލުނައްތާލަމުންދާ ޒަޔަނިސްޓުން ގެންދަނީ "ގްލޯބަލް ސުމުދް ފްލޮޓިލާ" އަށް ތަފާތު ތުހުމަތުތައް އަޅުވަމުންނެވެ. ޓެރަރިސްޓު އަސްކަރިއްޔާއިން ގާފިލާ ސިފަކޮށްފައިވަނީ "ހަމާސް ފްލޮޓިލާ" ގެ ގޮތުގައެވެ.

މި ތުހުމަތުތަކަށް ރައްދު ދެމުން "ގްލޯބަލް ސުމުދް ފްލޮޓިލާ" އިން މިއަދުވަނީ، ބޯޓުތަކުގައި ހުރި "ހަތިޔާރު" ދުނިޔެއަށް ހާމަކޮށްފައެވެ. އެގޮތުން، ތުއްތުކުދިންގެ ބުއްދަޅު ކޭސްތައް ވީޑިއޯގެ ޒަރީއާއިން ދައްކައި "މިއީ ހަމާސްއަށް ގެންދާ ތަކެތިތޯ" ސުވާލުކޮށްފައި ވެއެވެ.

އެ ގާފިލާއިން މީގެކުރިންވެސް ބުނެފައިވަނީ، އެމީހުން ޣައްޒާއަށް ގެންދަނީ ކާބޯތަކެއްޗާއި، ބޭހާއި، އިންސާނީ އެހީގެ އެނޫންވެސް ސާމާނު ކަމަށެވެ.

އެހެންކަމުން، ސުލްހަވެރި ދަތުރެއްގައި އަންނަ އެ ގާފިލާއަށް ހަމަލާ ދިނުމަކީ އިންސާނިއްޔަތަށް ދޭ ހަމަލާއެއް ކަމަށް، އެކްޓިވިސްޓުން ބުނަމުން ގެންދެއެވެ.

ad