logo

މަޖިލީހުގެ މި ދައުރުގެ މުއްދަތު ޑިސެމްބަރު 15 އާ ހަމަޔަށް އިތުރުކުރުމަށް ފާސްކޮށްފި

ދިޔާމާ އިބްރާހިމް
2 ގަޑިއިރު ކުރިން

ނިންމަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީސް އިން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން މި އަހަރުގެ ފަހު ދައުރު ކުރިއަށްދާނީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް، މި ދައުރުގައި މަޖިލީހުން ނިންމަންޖެހޭ ގިނަ އަދަދެއްގެ މުހިންމު ކަންކަން އަދިވެސް ހުރުމުން، ދައުރުގެ މުއްދަތު އިތުރުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވީދާޅުވިއެވެ.

އެހެންކަމުން ދައުރު އިތުރުކުރާ މެދު ގޮތެެއް ނިންމުމަށް ޖަލްސާގެ ވޯޓު ގަޑީގައި ވަޯަޓަށް އެހިއިރު، 43 މެންބަރުންގެ ވޯޓުން މަޖިލީސްގެ މި ހިނގާ ދައުރު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. އެ ނިންމުމާ ދެކޮޅަށް 11 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މީގެ ކުރިންވެސް، މުހިންމު މަސައްކަތްތަކެއް ނިންމުމަށް ޓަކައި ފާއިތުވި ދެ ދައުރުވެސް ރައްޔިތުންގެ މަޖިލީހުން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

މި ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި ފާހަގަކޮށްލެވޭ މުހިއްމު ބިލްތަކެއް ހުށަހެޅިފައިވާ ކަން ފާހަގަކުރެވެއެވެ. އޭގެތެރޭގައި ރަސްމާލޭގެ ބިޔަ މަޝްރޫއާ ގުޅުންހުރި ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ހިމެނެއެވެ.

ad