logo

ރޮހިންޔާ މައްސަލައިގައި އައިސީޖޭގެ ނިންމުމަށް ރައީސް މުޢިއްޒުގެ ތާއީދު

ދިޔާމާ އިބްރާހިމް
4 ގަޑިއިރު ކުރިން

ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާއިން ހިންގީ ނަސްލު ނައްތާލުމުގެ އަމަލެއްކަމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ން މިއަދު ކަނޑައެޅުމުން އެ ހުކުމަށް ރައީސް މުހައްމަދު މުއިއްޒު މަރުހަބާވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާއިން ހިންގީ ނަސްލު ނައްތާލުމުގެ އަމަލެއްކަމަށް އައިސީޖޭން މިއަދު ކަނޑައެޅުމުން އެ ހުކުމަށް އެމަނިކުފާނު މަރުހަބާ ވިދާޅުވާކަމަށެވެ.

View post on Twitter

އަދި މި ހުކުމަކީ ނަސްލު ނައްތާލުމުގެ މުއާހަދާ ދަމަހައްޓަން ބައިނަލްއަގްވާމީ މަސައްކަތްތަކުގައި މުހިންމު ކުރިއެރުމެއްކަމަށް އެ މަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ ޤާނޫނީ ވާޖިބުތައް އަދާކުރުމާއި ސުލްޙަވެރި އަދި ޝަރުޢީ ވަސީލަތްތަކުގެ ތެރެއިން ޖަވާބުދާރީވުން ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ކޯޓުގެ މުހިންމު ދައުރު ފާހަގަކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ޝަރީޢަތަށް ތަދައްޚުލްވި އެއް ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ހިމެނޭއިރު، ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށާއި އެފަދަ ޖަރީމާތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ރާއްޖޭން ދެމިއޮންނާނެއެވެ.

އަދި މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ގާނޫނީ އިލްތިޒާމުތަކަށް އިހުތިރާމްކުރުމުގެ އިތުރުން އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދީ، ކުށްވެރިން ޒިންމާދާރުކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް ގޮވައިލައްވައި އިންސާފު ގާއިމުކޮށް، އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ ހުރިހާ ދައުލަތްތަކަށް ގޮވާލައްވައިފައެވެ.

ad