މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) ގެ ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރު ލިމިޓަށް ބަދަލު ގެނެސް ބައެއް ވިޔަފާރި ސައިޓްތަކުން ލިމިޓް ބޭނުންކުރުމުގައި ކޮންޓްރޯލްތަކެއް ލާން ނިންމައިފި އެވެ.
އެމްއައިބީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ރުފިޔާ ކާޑަށް ލިބެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ލިމިޓެއް ކަމަށާއި، ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުން މި ޚިދުމަތް ލިބިގަނެ، އެހެނިހެން ބޭނުންތަކަށް މި ލިމިޓް ބޭނުންކުރަމުން ދާ ކަމަށެވެ.
އެކަމާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށް އިސްކަން ދިނުމުގެ ގޮތުން މި ހިނދުން މި ހިނދަށް ބައެއް ވިޔަފާރި ސައިޓްތަކުން މި ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން ބޭރުގެ އީކޮމާސް ސައިޓުތަކުން ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށާއި، އެ ބަދަލު ގެނައި ނަމަވެސް ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކޭނެ ކަމަށް އެމްއައިބީން ބުނެ އެވެ.
ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި، ސިއްހީ ހިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކިއެކި ހަރަދުތަކަށް 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ބޭނުންކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއައިބީން ބުނީ މި ނިންމުން ނިންމި ސަބަބަކީ މި ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ބޭންކުން ވަނީ މައާފަށް އެދިފައެވެ.
