logo

ހަރުދަނާ މުޖުތަމަޢެއް ބިނާ ކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެން : ހުކުރު ޚުތުބާ

މަޒީ
18 ގަޑިއިރު ކުރިން

މިއަދުގެ ހުކުރު ނަމާދުގެ ޚުޠުބާގައި، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޢާއިލީ ގުޅުންތައް ވަރުގަދަކުރުމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފިއެވެ.

"ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނެފައިވަނީ، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށް ވީހިނދު، މި ޢާއިލާތައް ހަރުދަނާކުރެވިގެން މެނުވީ ހަރުދަނާ މުޖުތަމަޢެއް ބިނާ ނުކުރެވޭނެކަމަށެވެ. މިއަދު އެންމެންގެވެސް އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ މުޖުތަމަޢުގެ އަފުރާދުންގެ އަޚްލާޤީ ފެންވަރު ދަށްވާ ވާހަކަކަން ފާހަގަކޮށް، ޚުތުބާގައި ބުނެފައިވަނީ މިކަން މެދުވެރިވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިއްޔަތުކުރެވޭ ގޮތް ކަމަށެވެ.

ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ނަމަވެސް، އެ ކުއްޖާގެ އަޚުލާޤާއި ސުލޫކު ބައްޓަންވަނީ އެ ކުއްޖަކަށް ލިބޭ ތަޢުލީމާއި ތަރުބިޔަތުގެ ސަބަބުން ކަމަށް ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ދަލީލުދައްކަވަމުން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، ދަރިންނަށް ދީނީ ތަޢުލީމު ދިނުމުގެ އިތުރުން މައިންބަފައިންނަށް ކިޔަމަންތެރިވުމަށާއި، ގާތްތިމާގެ މީހުން ދަސްކޮށްދީ އެމީހުންނާ ގުޅުން ބަދަހިކުރަން ޅަފަތުގައި ދަސްކޮށްދިނުމަކީ ބެލެނިވެރިންގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އިސްލާމްދީނުގައި ރަޙިމުގެ ގުޅުމަށް ދެއްވާފައިވާ މަތިވެރި މަޤާމަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، ރަޙިމުގެ ގުޅުމަކީ މާތް ﷲގެ އިސްމުފުޅު "الرَّحْمَـٰن" އާ ގުޅުވައިގެން ނަންދެއްވާފައިވާ މަތިވެރި ގުޅުމެއް ކަމަށެވެ. އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލައްވާނޭ ކަމެއް ކަމަށާއި، އެ ގުޅުން ކަނޑައިލުމަކީ ސުވަރުގެއިން މަޙްރޫމްވާނޭ ބޮޑު ފާފައެއް ކަމަށް އިންޒާރު ދެއްވިއެވެ. ހަމައެއާއެކު، ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ ހަމައެކަނި ބަދަލުދޭ އުޞޫލުން ކަންކަން ކުރާ މީހާ ނޫން ކަމަށާއި، އެއީ ގުޅުން ކެނޑިގެންދާ ހިނދުގައި ވެސް އިސްނަގައިގެން އެ ގުޅުން ދަމަހައްޓާ މީހާ ކަމުގައި ބަޔާންކުރެއްވިއެވެ.

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެކެވެ. ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޚުޠުބާގައި ވިދާޅުވީ ޢާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނީ އަހަރެމެންނަށް ލިބޭ ދަރީން ރަނގަޅު ގޮތުގައި ތަރުބިޔަތުކޮށްގެން ކަމަށެވެ. އެ ކަން ކުރެވޭނީ ތަރުބިޔަތުކުރާން ތިބި ބަޔަކީ، އެ ކަމުގެ ޤާބިލުކަން ލިބިގެންވާ ބަޔަކަށް ވެގެންނެވެ. ޢާއިލާއެއްގައި ދެމަފިރީންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ކީރިތި ރަސޫލާ ވަނީ އަހަރެމެންނަށް ބަޔާންކޮށްދެއްވައިފައެވެ. ޢާއިލާއެއްގައި ނަމަ ދެމަފިރީންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރީންގެ ޙައްޤުތަކަށް ރައްކާތެރިވުމުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ

ހުކުރު ޚުޠުބާގައި ވިދާޅުވީ ދަރީން ތަރުބިޔަތުކުރުމުގައި އެ ކުދީންނަށް ބޭނުންވާނޭ އެންމެހައި މާއްދީ ކަންތައްތައް ފުރިހަމަކޮށްދިނުމުގެ އިތުރަށް، އެ ކުދީންނަށް ނަސޭހަތްތެރިވެ، އެ ކުދީންނަކީ އިސްލާމީ އަދަބުތަކާއި ޝަރުޢީ ޙުކުމްތަކަށް ޙުރުމަތްތެރިކޮށްހިތާ ބައަކަށްހެދުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އެއީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. ޝައްކެއްނެތް ގޮތުގައި، މި ގޮތުން ކުރެވޭ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވެގެންނެވެ. މާތް ވެގެންވާ އިސްލާމްދީނުގައި މައިންބަފައިންނަށް އިރުޝާދުދެއްވައިފައިވަނީ އެބައިމީހުންގެ ދަރީންނަށް ޅަފަތުގައި ރިވެތި އަދަބު ދަސްކޮށްދިނުމަށެވެ. ހަމަ އެއާއެކު ދީނީ ވާޖިބުތަކަށް ޙުރުމަތްތެރިކޮށްހިތުމަށް ބާރުއެޅުމަކީ ވެސް މައިންބަފައިންގެ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން ވަނީ، އަޅަމެންގެ މެދުގައިވާ ޢާއިލީ ގުޅުންތަކާއި ރަޙިމުގެ ގުޅުންތައް ދަމަހައްޓައި، އެކަކު އަނެކަކަށް ހެޔޮފޯރުވާ ބަޔަކު ކަމުގައި ލެއްވުން އެދި މާތް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާފައެވެ.

ad