logo

ފިލިޕީންސުން ކަނޑައެޅި އައު ސަފީރު ފަތްކޮޅު ރައީސް އަށް އަރުވައިފި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ރިޕަބްލިކް އޮފް ފިލިޕީންސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސަފީރަށް މަރުޙަބާ ދެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިއްޔާއި، ހެވިކަމުގެ ލަޝްކަރާއެކުގައެވެ.

ރިޕަބްލިކް އޮފް ފިލިޕީންސްގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ.

ފަތްކޮޅު އެރުވުމަށްފަހު، ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ފޯރުކޮށްދެމުންދާ މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފައިވެއެވެ. އަދި، ދެ ޤައުމުން ގެންގުޅޭ ރަޙުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނޭ މަސައްކަތްތައް ދެނެގަތުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ދިވެހިރާއްޖެ އާއި ފިލިޕީންސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ ޖުލައި މަހުގެ 12ވަނަ ދުވަހުގައެވެ.

ad