logo

ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ހުއްދަނެތި ރާއްޖެއަށް ބޭހެއް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކޮށް ބޭހެއް އެތެރެކުރި ފަރާތުގެ ލައިސަންސް ހިފެހެއްޓޭ ގޮތަށް ބޭހާ ބެހޭ ޤަވާއިދު އެކުލަވާލައިފިއެވެ.

ބޭހާއި ބެހޭ ޤަވާއިދުގައި ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރުމަށް ދިވެހިރާއްޖެއަށް އިމްޕޯޓުކޮށް ވިއްކުމަށް ހުއްދަދޭ ބޭހުގެ ރަޖިސްޓްރީއެއް ނުވަތަ ލިސްޓެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެއެވެ. އެގޮތުން ރަޖިސްޓްރީ، މަދުވެގެން އަހަރަކު އެއްފަހަރު މުރާޖަޢާ ކުރަންޖެހޭނެ ކަމަށް މި ޤަވާއިދުގައިވެއެވެ.

ނަމަވެސް އެ ރަޖިސްޓްރީއަށް ބަދަލެއް އަތުވެއްޖެނަމަ އެ ބަދަލެއް ގެނައި ތާރީޚު އެނގޭގޮތަށް ރަޖިސްޓްރީ އަދާހަމަ ކުރަމުން ގެންދަންވާނެކަމަށާއި ރަޖިސްޓްރީގައި ނުހިމެނޭ ބޭހެއް އެތެރެ ކުރުމަކީ ނުވަތަ އެތެރެ ކުރުމަށް އުޅުމަކީ މަނާ ކަމެކެވެ. މި ޤަވާއިދުގައިވާ ގޮތުން ހުއްދަ ބޭހުގެ ރަޖިސްޓްރީ އެކުލެވިގެން ވަނީ ޑޮކްޓަރީ ބޭހާއި ދިވެހިބަހާއި އޯލްޓަނޭޓިވް ބޭހެވެ. މި ޤަވާއިދުގައި ރަޖިސްޓްރީގައި ނުހިމެނޭ ބޭހެއް ނުވަތަ ބޭހުގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑުގެ މަސައްކަތަށް ބަދަލެއް ގެނެވޭ އުފެއްދުމެއް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުކުރި މި ގަވާއިދުގައި ބޭސް ނައްތައިލުމާއި، ހިފެހެއްޓުމުގެ އިތުރުން މަނާ ކަންތައްތަކާއި އެފަދަ ކަމެއް ކޮށްފިނަމަ ދެވޭނެ އަދަބުތައް ވަނީ ތަފްސީލުކޮށްފައެވެ.

މި ގަވައިދުގައިވާ ގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާއާއި 100،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ 14 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ. ބޭސް ރަޖިސްޓްރީ ކުރުމުގައި ދޮގު މައުލޫމާތު ހުށަހަޅާ ކުންފުނިތައް "ބްލެކްލިސްޓް" ކުރުމުގެ ބާރު ވެސް އެމްއެފްޑީއޭއަށް މި ގަވާއިދުން ލިބިދެއެވެ.

ކުންފުންޏެއް ބްލެކްލިސްޓް ކުރެވިއްޖެ ނަމަ، އެ ކުންފުންޏަކަށް އަލުން ހިދުމަތް ފެށުމަށް ރަޖިސްޓްރީ ކުރަން ހުށަހެޅޭނީ 6 މަސް ދުވަހުގެ މުއްދަތެއް ފާއިތުވުމަށްފަހުގައެވެ. އަދި ފާމަސީ ރަޖިސްޓްރީ ކުރުމަށްފަހު 6 މަސް ދުވަސް ވަންދެން ހިދުމަތް ނުފަށާ އޮތުން ނުވަތަ ހުއްދަ ދިނުމަށްފަހު 3 މަސް ދުވަހަށް ވުރެ ގިނަ ދުވަހު ފާމަސީ ނުހިންގާ އޮވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް އޮންނާނެއެވެ.

އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ގޮތަކަށް ބޭސް ފޯރުކޮށްދިނުމާއި، ބޭސް ބަހައްޓާ ތަނުގެ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ބޭހުގެ ރައްކާތެރިކަމާ މެދު ޝައްކު އުފެދޭ ހާލަތްތަކުގައި ވެސް ފިޔަވަޅު އެޅޭނެއެވެ. ހަމައެއާއެކު، ބޭސް ދޫކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ބޭސް ފިހާރައިގައި މުއާމަލާތް ކުރުމަކީ ވެސް ހުއްދަ ބާތިލުވާނެ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރުމާ ގުޅޭގޮތުން ގަވައިދުގައި ބުނެފައިވަނީ، އާންމު އުސޫލުން އެތެރެކުރެވޭނީ 3 މަސް ދުވަހުގެ ބޭސް ކަމަށެވެ. ނަމަވެސް ބަލިމީހާގެ މެޑިކަލް ރެކޯޑުތައް ހުށަހަޅައިގެން 6 މަސް ދުވަހުގެ މުއްދަތަށް ބޭސް އެތެރެކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އެމްއެފްޑީއޭއިން ބުނި ގޮތުގައި މި ގަވައިދަށް އަމަލު ކުރަން ފަށާނީ ގެޒެޓް ކުރި ތާރީހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

ad